ހަބަރު

މަރުވި ކައުންސިލަރުގެ އާއިލާއަށް ބޮޑެތި މާލީ އެހީތަކެއް ދޭން ނިންމައިފި

މަހަށް ނިކުމެ އުޅެނިކޮށް ޑިންގީ ބަންޑުންޖަހާލައިގެން މަރުވި، ލ އަތޮޅު ކައުންސިލަރު، މުހައްމަދު އަބްދުއްރަހުމާންގެ އާއިލާއަށް އެ ކައުންސިލުން މާލީ ބޮޑެތި އެހީތަކެއް ދިނުމަށް ނިންމައިފި އެވެ.

މުހައްމަދު ނިސްބަތްވާ މާވަށުގައި މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުމާ ގުޅޭގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ، އަށްވަނަ އާންމު ބައްދަލުވުން ހާއްސަކުރީ ކައުންސިލްގެ މެންބަރަކު ކުއްލިގޮތަކަށް ނިޔާވުމުން އެކަމަށް ކަމަށާއި ބައްދަލުވުމުގައި ދެ ކަމެއް މައިގަނޑު ގޮތެއްގައި ނިންމި ކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ތިން ކަމެއް ނިންމާފައިވެ އެވެ. ޔޫސުފް ވިދާޅުވި ގޮތުގައި ފުރަތަމަ ކަމަކަށް ނިންމާފައިވަނީ، ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކުރުމަށް އެ ކައުންސިލުން ދޫކުރާ މާލިއްޔަތު ޓްރަސްޓް ފައުންޓުން މުހައްމަދު އަބްދުލްރަހްމާނު ނަގާފައިވާ 70،000 ރުފިޔާގެ ލޯނު މާފުކޮށްދިނުމެވެ. މި ލޯނުގެ ހަތަރު ޕޭމަންޓް މުހައްމަދު ދައްކާފައިވާއިރު ލޯނުގައި ނުދެއްކި ބާކީ ހުރީ 52،000 އެއްހާ ރުފިޔާ އެވެ.

ދެވަނަ ކަމަކަށް ނިންމާފައިވަނީ، މުހައްމަދު ކައުންސިލަށް އިންތިހާބުވުމާ ގުޅިގެން އޭނާ އަނބިމީހާ އަދި ދެ ދަރިން ވަނީ ފުނަދޫއަށް ދިރިއުޅުން ބަދަލުކޮށްފައި ކަމަށާއި ކުއްލިއަކަށް ރަށަށް ބަދަލުވާން އުނދަގޫވާނެތިން އެކަމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެ އާއިލާއަށް 20،000 ރުފިޔާ ކައުންސިލްގެ މާލިއްޔާއިން ހަދިޔާ ކުރުމަށެވެ. މުހައްމަދުގެ ދެ ދަރިން މިހާރު ދަނީ ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލުކުރަމުންނެވެ.

މީގެއިތުރުން މުހައްމަދުގެ ދައުރުގެ ނިމެންދެން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތް އާއިލާއަށް ލިބޭނެ ގޮތް ހަދައިދިނުމަށް އެދި އެލްޖީއޭ އަށާއި ފިނޭންސް މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެދުމަށް ވެސް ނިންމާފައިވާ ކަމަށް ޔޫސުފް ވިދާޅުވި އެވެ.