އިޒްރޭލުގެ އިކޮނޮމިކް މިނިސްޓަރު ނީރް ބަރްކަތަށް ސަރުކާރާ ދެކޮޅު ހަމަލާދީފި އެވެ. އޭނާ އަށާއި އޭނާގެ އަރިސް ބަޔަކަށް ހަމަލާދީފައި ވަނީ ވެރިރަށް ތެލްއަވީވްގެ ރެސްޓޯރަންޓަކުން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށެވެ.
ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ނީރް ބަރްކަތަށް ހަމާދީފައި ވަނީ ސަރުކާރާ ދެކޮޅަށް މަގުތަކުގައި މުޒާހަރާކުރާ އެކްޓިވިސްޓުން ތަކެކެވެ. މި ހާދިސާގައި ތަހުގީގަށް ދެ މީހަކު ވަނީ ހިފަހައްޓާފަ އެވެ.
ވަޒީރުގެ ހިމާޔަތުގައި އެ ތަނަށް ދިޔަ ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި އޭނާ ދިފާއުކުރުމަށް ޖާނުން ކުރިމަތިލި ދެތިން މީހަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެ ގައުމުގެ ޝަރުއީ ނިޒާމު އިސްލާހުކުރަން ވިސްނާފައި އޮތް ގޮތް ރަނގަޅު ނޫން ކަމަށް ބުނެ އާންމު ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ ޝުއޫރު ފާޅުކުރަމުންނެވެ.
މުޒާހަރާކުރާ މީހުންގެ ކަންތައްތައް ހައްދުފަހަނައަޅައި ދައުލަތުގެ އިމާރާތްތަކަށާއި މުދަލަށް ގެއްލުންދޭން ފެށުމުން މިދިޔަ މާޗުގައި ބޮޑުވަޒީރުގެ ވަނީ ޚާއްސަ އަމުރަކުން ޝަރުއީ ނިޒާމް އިސްލާހުކުރުން ފަސްކޮށްފަ އެވެ. އެހެން ނަމަވެސް ގާނޫންހަދާ މަޖިލީހުގައި މި ބިލަށް ބަހުސްކުރުން އަދިވެސް އޮތީ އެވެ.
މި ބިލު ފާސްވެއްޖެ ނަމަ ޝަރުއީ އިދާރާތަކަށް ގާނޫނުން ލިބިދީފައި މިހާރު ހުރި ބައެއް ބާރުތައް ސަރުކާރަށް ނެގޭނެ އެވެ. އަދި ފަނޑިޔާރުން އައްޔަންކުރުމުގައި ސަރުކާރުގެ ބުނުން އެހެން ބުނުމަކަށް ވުރެ ބާރުގަދަވާނެ އެވެ.
އިޒްރޭލުގައި މިހާރު ޖެހިގެން އުޅޭ މައްސަލަ އަކީ މި ބިލަށް ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން މަގުތަކަށް ނުކުމެ ކުރިމަތިލުމެވެ. މި ދެބައިގަނޑުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ސަރުކާރަށް ފޯރައި ކޮންޓްރޯލްކުރުން ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފަ އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިން ވިދާޅުވީ އާންމު ރައްޔިތުން ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް ޝަރުއީ ނިޒާމް އިސްލާހުކުރާ ބިލަށް ބަހުސްކުރާނެ ކަމަށެވެ. އެހްނ ނަމަވެސް، އާންމުން ނުކުމެ ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެ އާއިލާއަށް ގެއްލުންދޭ ހިސާބަށް ދިއުމުން ނަތަންޔާހޫ ވަނީ ދޫދެއްވާފަ އެވެ.
މި މައްސަލަތަކުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ބޮޑުވަޒީރު ވަނީ އިޒްރޭލުގެ ދިފާއީ ވަޒީރު ވެސް މަގާނުން ދުރުކުރައްވާފަ އެވެ. ޚަބަރުތައް ބުނާ ގޮތުން އޭނާގެ މަގާމު މިހާރު ވަނީ އިއާދަކޮށްދެއްވާފަ އެވެ.