އެމްޑީޕީ

އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އަންގައިފި

އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން ގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފި އެވެ.

މާލޭގެ އާޓިފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް އެމްޑީޕީގެ މައި ހަރުގެ ހަދާފައިވާ ބިމަކީ އެޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ.

އެމްޑީޕީ ދެބައިވެ ރައީސް މުހައްމަދު ނަޝީދަށް އެއް ބަޔަކު ތާއީދުކުރާއިރު ޕާޓީގެ ބާކީ ތިބި މީހުން ތާއީދުކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

މިކޯޅުމުގެ ތެރޭގައި ޝަފިއްޔާ ހުންނެވީ ރައީސް ނަޝީދާ އެކު އެވެ. އަދި އޭނާ ގެންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވަމުންނެވެ.

އެމްޑީޕީން މިއަދު ބުނީ ޕާޓީގެ މައި ހަރުގެ ހުސްކުރަން ބިމުގެ ވެރިފަރާތުން އެންގީ މިދިޔަ މަހު ކަމަށެވެ. އަދި މިއަދުގެ ނިޔަލަށް އެތަން ހުސްކުރަން އެންގި ކަމުގައިވެސް ބުންޏެވެ.

އަވަސްއާ ވާހަކަދެއްކެވި އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީގެ މައި ހަރުގެ ހިންގަމުންދާ ބިމުގެ ވެރިފަރާތާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ ހަމަވެފައި ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ވޯޓުލާ ނިމެންދެން އެ ތަން ދޫކުރާނެ ކަމަށް ވެރިފަރާތުން ކޮންމެވެސް ޔަގީންކަމެއް ކުރިން ދެއްވި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެވަރުގެ އެހެން ތަނެއް މާލެއިން ލިބޭތޯ އެބަ ބަލަން. އެކަމަކު އަދި އެކަން ކުރެވިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.