ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް އެޗްޑީސީ އިން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާ ކަމަށް ފިޔަވަޅު އެޅުމަށް އިދިކޮޅު އެމްޑީޕީ އިން ގޮވާލައިފި އެވެ.
އެމްޑީޕީ އިން މިކަމަށް ގޮވާލާފައި މިވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތި ތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލަ ފަޅާއެރުމުންނެވެ. ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދުވެސް ހިމެނިފައިވެ އެވެ.
މިމައްސަލައިގައި އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން މިއަދު ފަޅާއަރާފައިވާ ކަމަށެވެ. މި މައްސަލަ ފެންމަތިވުމާއެކުވެސް މިހާތަނަށް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
"މިފަދަ ބޮޑު ހިޔާނާތެއް ހިންގާފައިވުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެކެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީ އިން ވަނީ ލިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރަޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ ކަމަށް ބުނެ މިނިސްޓަރެއްގެ ފެންވަރުގައި ހުންނެވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
"މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތަކަށް ނުވުމާއެކު މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް މި ޕާޓީން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި، ބިންވެރިޔާ ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަށް ހަވާލުކުރުމަށްވެސް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އެޗްޑީސީ އާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތައް އަމަލުތަކެއް ހިންގަމުންދާއިރުވެސް ރާއްޖޭގެ ތަހުގީގީ އިދާރާތާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވަމުންދާ މީހުންގެ މައްސަލަތައް ވީ އެންމެ އަވަހަށް ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ކިބައިން މި ފުރުސަތުގައި އެމްޑީޕީން އެދެމެވެ،" ބަޔާނުގައިވެ އެވެ.
ބޯހިޔާވަހިކަމުން ވައްކަން ކުރުމުގެ ފުރުސަތު މި ސަރުކާރަށް ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީ އިން ކުރާނެ ކަމުގެ ޔަގީންކަންވެސް ބަޔާނުގައިވެ އެވެ. އެމްޑީޕީ އިން ވަނީ މިމައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފަ އެވެ.