ދުނިޔެ

އިޒްރޭލުގެ ޖަލުގައި ގައިދީއަކު ބަނޑަށް މަރުވުމުން ހަމަލާ ބަދަލުކުރަނީ

އިސްރާއީލުގެ ޖަލެއްގައި ފަލަސްތީންގެ ރައްޔިތަކު -- ޚައިދަރު އަދުނާން ބަނޑަށް މަރުވުމާ ގުޅިގެން ޣައްޒާ އާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރަން ފަށައިފި އެވެ.

ޚައިދަރު އަދުނާން މަރުވެފައި މިވަނީ ހައިހޫނު ކަމުގެ ހަޅުތާލުކުރަމުން ގެންދާތާ 86 ދުވަސް -- ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ. އޭނާ ބަނޑަށް މަރުވެދާނެ ކަމަށް ބުނެ ފަލަސްތީންގެ ޖަމާއަތްތަކުން އެތައް ފަހަރަކު އިޒްރޭލަށް ވަނީ އިންޒާރުދީފަ އެވެ.

އިޒްރޭލު ސިފައިން ނެރުނު ބަޔާނެއް ބުނާ ގޮތުން ޣައްޒާއިން އިޒްރޭލަށް އަމާޒުކޮށް 22 ރޮކެޓް ފޮނުވި އެވެ. އޭގެ ތެރެއިން 16 ރޮކެޓެއް ހުސްބިމަކަށް ވެއްޓިފައި ވާއިރު ބާކީ ރޮކެޓްތައް އަޔަން ޑޯމުން މަތަކުރީ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ބަދަލުގައި އިޒްރޭލުން ވަނީ ބޮޑުބަޑިން ޣާއްޒާއަށް ހަމަލާދީފަ އެވެ.

އިޒްރޭލަށް މިސައިލް އަރާނެ ކަމަށް ދޭ އިންޒާރާ އެކު ރަނގަބީލު ޖަހަން ފެށުމުން މީހުންތައް ވަނީ ހިޔާވަހި ކަމަށް ދުވެ ގޮސް ވަދެފަ އެވެ. މީހުންތައް ހެލިފެލިވެ ގަތް ވަގުތު އާންމުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޣާއްޒާއިން ފޮނުވި ރޮކެޓަކުން ޖެހި 25 އަހަރުގެ އިޒްރޭލުގެ ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އޭގެ އިތުރުން އިޒްރޭލުގައި މަސައްކަތްކުރާ އެހެން ގައުމެއްގެ މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުން ހަމާސް އާއި އިސްލާމިކް ޖިހާދުން ވަނީ ހަމަލާތަކުގެ ޒިންމާ އުފުލާފަ އެވެ.

އިޒްރޭލުގެ ޕްރިޒަން ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އަދުނާން ހޭނެތިފައި އޮއްވައި މިއަދުގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ. އިސްލާމިކް ޖިހާދުގެ މެންބަރެއް ކަމަށްވާ އަދުނާން މަރުވީ ހޮސްޕިޓަލަށް ގެންދިއަ ފަހުން -- އޭނާއަށް ދިން ފަރުވާ ކާމިޔާބު ނުވެގެންނެވެ.

ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ ވިދާޅުވި ގޮތުގައި އަދުނާން މަރުވީ އިޒްރޭލުން ގަސްދުގައި ކުރި ކަމަކުންނެވެ. އޭނާ މަރުވީ ސިއްހީ މަަސައްކަތްތެރިންގެ ފަރުވާކުޑަކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚައިދަރު އަދުނާން، 44، އަކީ ހުޅަނގު ޖެނީންގެ އަރައްބާ ސިޓީގެ ރައްޔިތެކެވެ.

އޭނާ ހައިނޫނު ކަމުގެ ހަޅުތާލުކުރަން ފެށީ ފެބްރުއަރީ ފަހެއްގައި، އިޒްރޭލު ސިފައިން އޭނާ ހައްޔަރުކުރީ އެއްވެސް ކުށަކާ ނުލައި ކަމަށް ބުނެ އެވެ.

އަދުނާން ވަނީ އިޒްރޭލުގެ ޖަލުގައި މީގެ ކުރިން އެތައް ފަހަރަކު ހައިހޫނު ކަމުގެ ހަޅުތާލު ކޮށްފަ އެވެ. އޭނާ ވަނީ 2012 ގައި 66 ދުވަސް ވަންދެން ނުކައި ނުބޮއެ ހަޅުތާލުކޮށްފަ އެވެ. އަދި އިޒްރޭލުގެ ޖަލުގައި 2015 ގައި އަދި 2018 ގައި ވެސް އޭނާ ވަނީ ހައިހޫނު ކަމުގެ ހަޅުތާޅުކޮށްފަ އެވެ.