ބޮލީވުޑް

"ގުމް ހެ ކިސީ ކޭ ޕިޔާރް މޭ"އިން އައިޝްވަރިޔާ ވަކިވެއްޖެ

ސްޓާ ޕްލަސްގެ ޑްރާމާތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ އެއް ޑްރާމާ "ގުމް ހެ ކިސީ ކޭ ޕިޔާރް މޭ" ގައި ޕާކީގެ ރޯލު އަދާކުރާ ބަތަލާ އައިޝްވަރިޔާ ޝަރުމާ އެ ޝޯ އަށް އަލްވަދާއު ކިޔައިފި އެވެ. މި ޝޯގައި އައިޝްވަރިޔާ އާއެކު ލީޑް ރޯލު ކުޅޭ އަނެއް ބަތަލާ އަކީ އައިޝާ ސިންގް އެވެ.

އައިޝްވަރިޔާ އަކީ މި ޝޯގައި ލީޑް ރޯލު އަދާކުރާ ނީލް ބަޓްގެ އަސްލު އަންހެނުންނެވެ.

މި ޝޯ އިން އައިޝްވަރިޔާ ވަކިވެފައި މިވަނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ޝޯގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކުޅުމަށްފަހުގަ އެވެ.

މި ސިލްސިލާއިން ވަކިވާން ނިންމި ސަބަބު ހާމަކުރަމުން އައިޝްވަރިޔާ ބުނީ އެއް ރޯލެއް މާ ގިނަ ދުވަހު ކުޅެ ކުޅެ ފޫހިވީ ކަމަށާއި މިހާރު އޭނާ ބޭނުންވާ އާ ރޯލުތަކާއި އާ ފުރުސަތުތައް ކަމަށެވެ.

"އަހަރެންގެ ފިރިމީހާ ނީލް ބަޓް ވެސް އަހަރެންގެ މި ނިންމުމަށް ތާއީދުކުރޭ. އަދި ބެލުންތެރިން މި ސިލްސިލާގައި އަހަރެން ކުޅުނު ކެރެކްޓާއަށް ދިން ލޯބި ދެން އަހަރެން ކުޅޭ ކެރެކްޓާއަކަށް ވެސް ދޭނެކަމަށް އުންމީދުކުރަން،" އައިޝްވަރިޔާ ބުންޏެވެ.

އައިޝްވަރިޔާ ބުނި ގޮތުގައި މި ޝޯ އިން ވަކިވުމުން އޭނާ އެންމެ ބޮޑަށް ދެރަވާނީ އޭނާގެ ކޯސްޓާ އަދި އަސްލު ފިރިމީހާ ނީލް އާއެކު ޝޫޓިންގްގައި ބައިވެރި ނުވެވޭތީ އެވެ.

"އަހަންނަކަށް ނޭނގެ ދެން ނީލް އާއެކު ސިލްސިލާއެއް ކުޅޭނެ ފުރުސަތު ލިބޭނެކަމެއް. މި ޝޯއަކީ އަހަންނަށްޓަކައި އުފެއްދި ޝޯ އެއް ކަމަށް އަހަރެން ގަބޫލުކުރަނީ. ސަބަބަކީ މި ޑްރާމާ ކުޅުމުގެ ތެރޭގައި އަހަރެންނަށް އަހަރެންގެ ހަޔާތުގެ އެންމެ އަގުހުރި އަހަރެންގެ ފިރިމީހާ ލިބުނީ. ޝޯގެ ޕްރޮޑިއުސަރުންނާއި ބައިވެރިންނަށް އަހަރެން ޝުކުރު އަދާކުރަން،" އައިޝްވަރިޔާ ބުނެފައި ވެއެވެ.

ފިލްމީ ޚަބަރުތައް ބުނާ ގޮތުގައި މި ސިލްސިލާގައި އައިޝްވަރިޔާ ކުޅެން ޖެހޭ ބައި އޭނާ މިހާރު ވަނީ ޝޫޓްކޮށް ނިންމާފަ އެވެ.
އައިޝްވަރިޔާ އާއި ނީލްގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ "ގުމް ހެ ކިސީ ކޭ ޕިޔާރް މޭ"ގެ ޝޫޓިންގްގައި އުޅެނިކޮށެވެ. އަދި ދެ މީހުން ވަނީ ނޮވެމްބަރު 2021ގައި ކައިވެނިކޮށްފަ އެވެ.