މޫސުން

ހުޅަނގު މޫސުން ފެށިއްޖެ، ސަމާލުވޭ

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސް ކޮށްފި އެވެ.

މެޓް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާއިރު މެދު ރާއްޖެއަށް ތެރެއަށް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މެއި މަސް ނިމޭއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް މިމަހުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅަނގު މޫސުގެ ދުވަސްތައް ކުރިމަތިވާނެ ކަމަށެވެ.

މެޓް އޮފީހުން ބަލައި ހާއްސަ މިންގަނޑެއްގެ ތެރެއިން ބެލުމަށްފަހު އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށެނީ ރާއްޖޭގެ ދެކުނުން މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

މެޓް އޮފީހުން ބަލާ މިންގަނޑަކީ މެއި އެއްވަނަ ދުވަހުން ފެށިގެން ދެކުނަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދުން ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހުމާ އެކު އެ ހާލަތްތައް ދެ ދުވަހަށް ދިގުދެމިގެން ދިއުމެވެ.

މެޓް އޮފީހުން ހުޅަނގު މޫސުން ފެށިފައިވާތީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ. ކުރިއަށް މިއޮތް ދެ ދުވަހު ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލު ބާރު މިނުގައި އަދި މޫސުން އެންމެ ގޯސްވާ ވަގުތު ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދު ބާރުމިނުގައި ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މޫސޫން ގޯސްވާ ދުވަސްތަކުގައި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓަށް އުސްމިން އަރައިގެންދާނެތީ ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައަރާނެ ކަމަށްވެސް ބެލެވޭ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވުމާ އެކު މިހާރުވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. މިއަދު ހެނދުނު މާލެއަށް ވެސް ފެން ބޮޑުވި އެވެ.