ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއިން ރާއްޖެއަށް ކޮންޓެއިނާ ސީދާ ދަތުރުތައް ފަށައިފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ އުފުލުމަށް ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި -- މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓެއް ކުއްޔަށް ނަގައިގެން މިދަތުރުތައް ކުރާ ގޮތަށް އިންޑިއާ އިން ބަދަލުތަކެއް ގެނެސްފި އެވެ.

ރާއްޖެއާ މުދާ ފޮނުވާ އިންޑިއާގެ އެޖެންޓް ކުއްޔަށް ނަގާފައިވަނީ އެމްއެސްއެސްގެ "ގަލީނާ" ބޯޓެވެ. މިއީ 680 ކޮންޓެއިނާ އުފުލޭ ބޯޓެކެވެ.

ރާއްޖެއަށް ބޭނުންވާ އާންމު މުދާ އިންޑިއާގެ ޓުޓިކޮރިން އިން މީގެކުރިން ފޮނުވަމުން ދިޔައީ ސްރީލަންކާގެ ކޮލަމްބޯ މަގުންނެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ރާއްޖެއަށް މުދާ ދެން ގެންނާނީ އިންޑިއާގެ ޓުޓިކޮރިންގެ ބަނދަރުން ސީދާ މާލެއަށެވެ.

އިންޑިއާގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ކޮންޓެއިނާގައި މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފައްޓަވައިދެއްވީ އިންޑިއާގެ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސްގެ ސްޓޭޓް މިނިސްޓަރު ޝާންތަނޫ ޓާކޫރެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ގަލީނާ އިން މަހަކު ތިން ދަތުރުކުރުމަށް ހަމަޖައްސާފައިވެ އެވެ.

އަލަށް މިފެށި ދަތުރުތަކާ އެކު ސްރީ ލަންކާ މަގުން ރާއްޖެއަށް ކުރަމުން އައި ބާޖާއި ބަލްކު ކާގޯގެ ދަތުރުތައް މިހާރު ވަނީ ހުއްޓާލާފަ އެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ކޮންޓެއިނަރުގައި މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށާފައި މިވަނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

އެމްއެސްއެސް އިން ދަނީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ދެ ބޯޓެއް ގަނެގެން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެންނަނީ ބަލްކް ކެރިއަ އަކާއި ކޮންޓެއިނާ ވެސަލް އެކެވެ. ބަލްކް ކެރިއަ އަކީ 43،000 ޓަން (ޑެޑްވެއިޓް)ގެ މުދާ އުފުލާ ބޯޓެކެވެ. ކޮންޓެއިނާ ވެސަލް އަކީ 680 ކޮންޓެއިނަރުގައި 11،000 ޓަން (ޑެޑްވެެއިޓް)ގެ މުދާ އުފުލާ އުޅަނދެކެވެ.