ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމް މުމްބާއީގައިވެސް ބާއްވައިފި

އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމް މުމްބާއީ ގައި މިއަދު ބާއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖޭގެ ވިޔަފާރިވެރިންވެސް ބައިވެރިވެވަަަޑައިގެންނެވިއެވެ.

ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އިންތިޒާމުކުރި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ބޭނުމަކީ ދެ ގައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ދެ ގައުމުގެ ދެމެދު ވިޔަފާރިއާ އިގްތިސާދީ ގުޅުންތައް ކުރިއަރުވާ އިތުރު ކުރުން ކަމަށް ސީއައިއައި އިން ބުންޏެވެ.

މުމްބާއީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ނިއުދިއްލީގައި ބޭއްވި ފޯރަމްގައި އެމަނިކުފާނު ވަނީ ތަގުރީރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.