މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީއަށް ފުރަތަމަ ފަހަރަށް ކައުންސިލް ގޮނޑިއެއް

އދ. ދިއްދޫ ކައުންސިލަށް ކައުންސިލަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކާމިޔާބުކޮށްފި އެވެ.

ކައުންސިލަރަކު ހޮވުމަށް ބޭއްވި އިންތިހާބެއްގައި ވާދަކޮށްގެން އެމްއެންޕީއަށް ކާމިޔާބު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މިއަދުގެ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރީ އަނީސް މުހައްމަދު އެވެ. އޭނާއާ ވާދަކުރީ އަމިއްލަ ކެންޑިޑޭޓެއް ކަމަށްވާ ރަޝީދާ އާދަމް އެވެ.

އަނީސް އަށް 62 ވޯޓު ލިބުނުއިރު ރަޝީދާއަށް ލިބުނީ 57 ވޯޓެވެ.

މިއިންތިހާބުގައި 147 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބުނު ނަމަވެސް މިއަދު ވޯޓުލީ 119 މީހުންނެވެ.

ދިއްދޫ އަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދަވާ ދަނގެތި ދާއިރާގައި ހިމެނޭ ރަށެކެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ -- އެމްއެންޕީން ގެންދަނީ އެ ޕާޓީ އުފެއްދި ފަހުން ބާއްވަމުން ގެންދާ ބައި-އިލެކްޝަންތަކުގައި ގަވައިދުން ވާދަކުރަމުންނެވެ.

އެމްއެންޕީގެ ރައީސް ނާޒިމު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވުމަށް ނިންމަވާފަ އެވެ.