އެސްޓީއޯ

އެސްޓީއޯގެ ފުށް ގުދަނުން ދެ މީހެއްގެ ގައިމައްޗަށް ބަސްތާތަކެއް ވެއްޓި އަނިޔާވެއްޖެ

އެސްޓީއޯ އިން ގުދަންކޮށްފައި ހުރި ފުށް ބަސްތާތަކެއް ދެ މީހެއްގެ ގައި މައްޗަށް ވެއްޓި އަނިޔާވެއްޖެ އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެކަމަކު އަނިޔާ ލިބުނު ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

"ހޮސްޕިޓަލްގައި އެ ދެ މީހުންނަށް މިހާރުވެސް ޓްރީޓް ކުރަމުން ދަނީ. ސީރިއަސް އަނިޔާއެއް ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނިޔާވެފައިވަނީ މާފަންނު ފުޑްކޯޓްތަކާ ދިމާލުގައި ހުންނަ އެސްޓީއޯގެ ފުށް ގުދަނަށް ފުށް ބަލައި ގޮސް ތިބި ދެ މީހަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އަނިޔާވި ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނެތް ނަމަވެސް މިއަދު ހިނގީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެސްޓީއޯ އިން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަސްލު އަޅުގަނޑުމެން ފުށް ގުދަނުގައި މިހާރުވެސް ހަޑޫ ހަކުރު ހުންނާނީ ޕެލަޓައިޒްކޮށްފައި. ފުރޮޅާލީ ޕެލަޓައިޒް ނުކޮށް ހުރި ފުށް ބަސްތާތަކެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ހާދިސާއާ ހިނގަން މެދުވެރި ސަބަބު އެސްޓީއޯގެ ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.