ބޮލީވުޑް

އަންޖުމް ފާކިހް "ކުންޑްލީ ބާގްޔާ" އަށް އަލްވަދާއު ކިޔައިފި

ޒީ-ޓީވީގެ އެންމެ މަޝްހޫރު އެއް ސިލްސިލާ "ކުންޑްލީ ބާގްޔާ"ގައި ސްރިޝްތީގެ ރޯލު ކުޅެގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އަންޖުމް ފާކިހް އެ ސިލްސިލާއިން ވަކިވެއްޖެ އެވެ. މި ސިލްސިލާއިން އަންޖުމް ވަކިވެފައިވަނީ ގާތްގަނޑަކަށް ހަ އަހަރު ދުވަސް ވަންދެން ސިލްސިލާ ކުޅުމަށް ފަހުގައެވެ.

އަންޖުމް މި ސިލްސިލާ ދޫކޮށްލީ ރޯހިތު ޝެޓީ ހޯސްޓްކޮށް ކަލާޒް ޗެނަލުން ދައްކާ "ޚަތުރޯން ކޭ ކިލާޅީ" ސީޒަން 13 ގައި ބައިވެރިވުމަށެވެ.

އީޓައިމްސް އަށް އަންޖުމް ދީފައިވާ އިންޓަވިއުއެއްގައި ބުނީ "ކުންޑްލީ ބާގްޔާ" ދޫކޮށްލަން ޚިޔާލުކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

މި ސިލްސިލާ ވަނީ ދާދި ފަހުން 20 އަހަރު ކުރިއަށް ޖައްސާލައި އާ އެކްޓަރުންތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ޕަރަސް ކަލްނާވަތު އާއި ސަނާ ސައްޔާދު އަދި ބަސީރް އަލީ ވަނީ ސިލްސިލާ އާ އަލަށް ގުޅިފަ އެވެ.

"ކުންޑްލީ ބާގްޔާ"އިން ވަކިވާން އަންޖުމް ނިންމީ އާ ތަރިންތަކެއް ތައާރަފްކުރުމުން ހިތްހަމަނުޖެހިގެން ކަމަށް ވަނީ ބެލެވިފަ އެވެ.

"އަހަރެންނަށް ހީވަނީ މިހާރު މި ސިލްސިލާގެ ވާހަކަ ގޮއްސާ އޮތް ހިސާބުން އާ ޗެޕްޓާތަކެއް އާ މޫނުތަކަކާއެކު ތައާރަފްކުރަން ޖެހިފައިވާހެން. 'ކުންޑްލީ ބާގްޔާ' 20 އަހަރު ކުރިޔަށް ޖައްސާލަން ހަ އަހަރު ނެގި. މި ނެގި 20 އަހަރުގެ ލީޕް އަކީ ސިލްސިލާގެ ޝައުގުވެރިކަން ދަމަހައްޓަން މުހިއްމުކަމެއް ކަމަށް ދެކެން. އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި މި ލީޕް އަށް ފަހު އަހަރެންގެ ކެރެކްޓާއަކަށް ކުރިން ކުޅުނު ވަރުގެ މޮޅު ރޯލެއް ކުޅޭކަށް ނުލިބޭނެ. އެހެންވެ ސިލްސިލާއިން ވަކިވާން ނިންމީ،" އަންޖުމް ބުންޏެވެ.

ސިލްސިލާއިން ވަކިވާން ނޯޓިސް ދިނުމަށްފަހު އަންޖުމް މިހާރު ޝޫޓްކުރަމުންދަނީ އޭނާ ބައިވެރިވާ އެންމެ ފަހުގެ އެޕިސޯޑްތަކެވެ. އަދި މި ސިލްސިލާ އުފައްދާ ފަރާތުން އޭނާ އެނބުރި އަންނަން އެދިއްޖެނަމަ ފަހުން ވެސް އެނބުރި އަތުވެދާނެ ކަމުގެ އިޝާރާތެއް ވެސް އަންޖުމް ދިނެވެ.