މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ތިލަމާލެ ބްރިޖުގެ ކަނޑުއޮޅިން ދަތުރުކުރާނަމަ ފިޔަވަޅު އަޅަނީ

މާލެ-ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް އަދިވެސް އެ ސަރަހައްދުން ބައެއް އުޅަނދުތައް ދަތުރުކުރާތީ އެގޮތަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.

ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ މިކޮނޑި ހުރަސްކޮށް ދަތުުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކުރީ މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހު އެވެ. ނަމަވެސް މި ކޮނޑިއޮޅި ހުރަސްކޮށް ދަތުރުކުރުން މިހާރު ވަނީ އާންމުވެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަނޑުއޮޅިން ދަތުުރުކުރާ ކަމުގެ ޝަކުވާ މިހާރަކަށް އައިސް ލިބެމުންދާތީ އެ ސަރަހައްދުން އުޅަނދުތައް ދުއްވާ މީހުންގެ ލައިސަންސް ހިފަހައްޓާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން ލައިސަންސް ހިފަހައްޓަން ނިންމާފައިވަނީ އެއްމަސް ދުވަހަށެވެ.

މިއިއުލާންގައި ވަނީ މާލެ-ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައިވާކަން ހަނދާންވެސް ކޮށްދީފަ އެވެ.