މާލެ އާއި ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން މަނާ ކޮށްފި އެވެ.
ޓްރާސްޕޯޓުން މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ-ތިލަފުށި ލިންކްގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާތީ މި މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން މާލެ އާއި ވިލިމާލެ އާއި ދެމެދުގައި އޮންނަ ކަނޑުއޮޅި މާދަމާއިން ފެށިގެން ބަންދު ކުރާނެ ކަމަށެވެ.
"... އަދި ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދު ފަހަރަށް މާލެ އާއި ހުޅުމާލެ އާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަ ވެސް އަންގާ އިއުލާން ކުރީމެވެ،" ޓްރާސްޕޯޓުން މިނިސްޓްރީންގެ އިއުލާނުގައިވެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޯންސް އިންފްރާސްޓަރަކްޗާ އަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމަށެވެ. އޭގެފަހުން ގުޅިފަޅާއި ތިލަފުށި ގުޅާލައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ރައީސް ސޯލިހް ކުރިން ވިދާޅުވެފައިވެ އެވެ.
އެފްކޮންސް އިން ބުނާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ 1200 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. މީގެތެރޭގައި 164 އިންޖިނިއަރުން ހިމެނޭ ކަމަށް ބުނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ވަގުތީ ސައިޓްތައްވެސް ގާއިމުކޮށްފައިވާއިރު ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އޮކްޓޫބަރަށް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.
ބްރިޖުގެ މަސައްކަތުގައި ކޮންސަލްޓަންޓުންނާއި އިންޖިނިއަރުން އަދި އެކްސްޕާޓުންގެ ގޮތުގައި އިންޑިއާގެ އިތުރުން ތުރުކީ އާއި ޖަރުމަނު އަދި އޮސްޓްރޭލިއާގެ މީހުން މަސައްކަތް ކުރެ އެވެ. އެފްކޮންސް އިން ބުނި ގޮތުގައި ތިލަމާލެ ބްރިޖް ވެގެންދާނީ 120 އަހަރުގެ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ފެންވަރުގެ ބްރިޖަކަށެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.