މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރާނަމަ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއް ނަމަވެސް އަދިވެސް މި ދެ ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ.
ވަކިން ހާއްސަކޮށް ރިސޯޓުތަކުގެ ސްޕީޑުބޯޓުފަހަރު މި ދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މި ދެ ކަނޑުއޮޅީގައި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ މި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން މި ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ މި ދެ ކަނޑުއޮޅި ބަންދު ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ ލައިސަންސް އެއް މަސްދުވަހަށް ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ގޮތަށް މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ އުޅަނދުފަހަރު ދުއްވާ މީހުންގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށެވެ.