ޕެންޝަން އޮފީސް

ހައްޖު ގުރޫޕްތަކުން ޕެންޝަން އޮފީހާ އެކު އެއްބަސްވުން ހަދަން އަންގައިފި

ރާއްޖެއިން މިއަހަރު ހައްޖަށް މީހުންގެ ތެރެއިން ޕެންޝަން ސްކީމްގެ ދަށުން ހައްޖަށްދާ މީހުންގެ ފައިސާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކުން ޕެންޝަން އޮފީހާ އެކު އެއްބަސްވުން ހެދުމަށް ހުޅުވާލައިފި އެވެ.

ހައްޖަށް މިއަހަރު މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކަކީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

ޕެންޝަން އޮފީހުން ބުނީ ޕެންޝަން ސްކީމުން ހަރަދުކޮށްގެން ހައްޖަށް ދާން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނީ ޕެންޝަން އޮފީހާ އެކު އެއްބަސްވުން ހަދާ ކުންފުނިތައް އެކަނި ކަމަށެވެ.

އެއްބަސްވުން ހަދަން ބޭނުންވާ ކުންފުނިތަކުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އަކުން އެންގުމަށްވެސް ޕެންޝަން އޮފީހުން އެދިފައިވެ އެވެ.

އަމިއްލަ ކުންފުނިތަކުން މިއަހަރު ހުށަހެޅި އަގުތައް

  • ހަރަމައިން - 75،250 ރުފިޔާ
  • ސިސިލްފަރު - 75،465 ރުފިޔާ
  • އަލްމަނާސިކު - 75،000 ރުފިޔާ

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާ އެވެ. ސަރުކާރުން ހުއްދަ ދީފައިވާ ކޮންމެ ކުންފުންޏަކަށް މިއަހަރު ދިނުމަށް ނިންމާފައިވަނީ 90 ކޯޓާ އެވެ. ބާކީ ހުރި ކޯޓާތައް ދޭން ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.