ފަޒްނާ އަހުމަދު

ޅަފަތުން ފެށިގެން ޒިންމާ ނަގަން ދަސްކޮށްދިނުން މުހިންމު: ފަޒްނާ

May 10, 2023

ކުޑަކުދިންނަށް ޅަފަތުން ފެށިގެން ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި މައިންބަފައިންނާއި މުދައްރިސުންނާ މުހާތަބު ކުރައްވާ މެޑަމް ފަޒްނާ ވިދާޅުވީ ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިހުސާސްވާ ކުދިން، ސްކޫލާއި މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގައިވެސް ކާމިޔާބު މީހަކަށްވުން ގާތް ކަމުގައި ތަޖުރިބާކާރުން ވިދާޅުވާ ކަމަށެވެ.

ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަން ފެންނާނެ ކަމަށް މެޑަމް ފަޒްނާ ވިދާޅުވި އެވެ.

ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށްވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެންވެސް އެ ފުރުސަތުތައް ކުދިންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް މެޑަމް ފަޒްނާ ވިދާޅުވި އެވެ.

މެޑަމް ފަޒްނާ ވަނީ ކަންކަމުގައި ކުދިންގެ ބަސް ހޯދުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކުޑަކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ގަވާއިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ގަވާއިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

ވީޑިއޯ މެސެޖުގައި މެޑަމް ފަޒްނާ ވަނީ ކުޑަކުދިންނަށް ލިބިފައިވާ ހައްގުތަކާއެކު ޒިންމާތަކެއް ވާކަން ތަކުރާރުކޮށް ހަނދާންކޮށް ދެއްވާފަ އެވެ.

އެގޮތުން ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ހައްގެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމުގައި މެޑަމް ފަޒްނާ ވިދާޅުވި އެވެ. ރަނގަޅު ތައުލީމެއް ލިބުމަކީ ކުދިންގެ ހައްގެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި މެޑަމް ފަޒްނާ ސިފަކުރެއްވި އެވެ.