ފަޒްނާ އަހުމަދު

"ދަރިން ތަރުބިއްޔަތު ކުރުމަކީ ފަސޭހަކަމެއް ނޫން"

Nov 19, 2022

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްހަލާއެއްގައި ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެންކަމުން މުޖުތަމައުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފި އެވެ.

މެޑަމް ފަޒްނާ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން "ޕޮސިޓިވް ޕޭރެންޓިން ޕްރޮގްރާމް" އިފްތިތާހުކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި އެ ކުދީންގެ ތަރައްގީއަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.

މެޑަމް ފަޒްނާގެ މެސެޖުގައި އެކަމަނާ ވަނީ ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަންތައްތަކެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ. އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މެޑަމް ފަޒްނާ ވަނީ މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެ މީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށް ބާރުއަޅުއްވާފަ އެވެ. ވަކިން ހާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިއްމުވާނެ ކަން ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު ކުދިންނަށް އަބަދުވެސް ލޯތްބާއި އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭހަތްދިނުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.

ރައީސްގެ އަނބިކަނބަލުން ވަނީ މުޖުތަމައުގެ އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، ދަރީން އުފާވެރިކަމާއި ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދީންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެކަމުގައިވެސް ވިދާޅުވެފަ އެވެ.

"ޕޮސިޓިވް ޕޭރެންޓިން ޕްރޮގްރާމް" އަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަހުރުވެރި ދިވެހި އާއިލާ ބިނާކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި އާންމު މަސްލަހަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖުތިމާއީ ވެށްޓެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެ އެެވެ.