ފަޒްނާ އަހުމަދު

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ދެމި ހުންނާނަން"

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރަން ކުރާ މަސައްކަތްތަކުގައި ދެމި ހުންނަވާނެ ކަމަށް ފަސްޓް ލޭޑީ، ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިިސެފް) ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެމް މުނީރު އޭ ސަފިލްޑިން އެކަމަނާގެ އަރިހަށް ވަދާއުގެ ޒިޔާރާތެއް އިއްޔެ ކުރެއްވުމުން ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މުލިއާގޭގައި އިއްޔެ ހެނދުނު ސަފިލްޑިންއާ ބައްދަލު ކުރައްވާ ފަސްޓް ލޭޑީ ވަނީ އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ގާނޫނީ ގޮތުންނާއި، އިޖުތިމާއީ ދާއިރާއިން މުޖުތަމައުގެ ހޭލުންތެރިކަން އިތުރު ކުރުމަށް މިހާ ތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފަ އެވެ. އެ ކަންކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭކަން ފާހަގަ ކުރައްވާ އެ ކަމުގައި މުޅި މުޖުތަމައުގެ ދައުރު އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

އެކަމަނާ އަދި ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކަމަނާ ދެމި ހުންނަވާނެ ކަމަށާއި ސަފިލްޑިންއަށް ފަހު ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.