ބޮލީވުޑް

ސޮނީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ހުއްޓާލަނީ

ބެލުންތެރިންގެ ތަރުހީބު އެކަށީގެންވާ ވަރަކަށް ލިބެމުން ނުދިއުމުގެ ސަބަބުން ޝޯގެ ޓީއާރުޕީ އިންތިހާއަށް ދަށްވެ، ސޮނީ ޓީވީގެ މަޝްހޫރު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ހުއްޓާލަން ނިންމައިފި އެވެ.

މި ޝޯގެ އެންމެ ފަހުގެ އެޕިސޯޑު ދައްކަން ހަމަޖެހިފައިވަނީ މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަހު އެވެ. ޝޯ އެއް ހަފުތާ އިތުރުކޮށް 30 މޭގައި ނިންމާލާ ގޮތަށް ހަމަޖެހިއްޖެ ކަމަށް ޚަބަރުތައް ފެތުރުނު ނަމަވެސް އީޓައިމްސްގައިވާ ޚަބަރެއް ބުނާ ގޮތުގައި ޝޯ ދައްކާ މުއްދަތު އިތުރެއް ނުކުރެ އެވެ. އަދި ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް މޭ 24 ގައި ދައްކަން ހަމަޖެހިފައިވަނީ ސިލްސިލާގެ އެންމެ ފަހު އެޕިސޯޑެވެ.

ޝޯގެ އެންމެ ފަހު އެޕިސޯޑުގެ ޝޫޓިން ނިންމާލުމަށްފަހު ޝޯގައި ބައިވެރިވި އެކްޓަރުން ވަނީ ފައިނަލް ޝޮޓްގެ ފޮޓޯތައް ސޯޝަލް މީޑިއާގައ ހިއްސާ ކޮށްފަ އެވެ. މި ފޮޓޯތަކުން ފެންނަނީ ކަޕޫރު އާއިލާގެ އެންމެން ކައިވެނި ހަފުލާގައި އަޅާ ކަހަލަ ހެދުމުގައި ތިއްބަ އެވެ. އެހެންކަމުން ސިލްސިލާ ނިމެނީ ޝޯގެ އެންމެ މުހިއްމު ދެ ކެރެކްޓާގެ ކައިވެނިންކަން ޔަގީން ކުރެވެ އެވެ.

ޝޯގައި ބައިވެރިވާ މީހަކު ބުނި ގޮތުގައި ޝޯ ހުއްޓާލާކަންވެސް އެމީހުންނަށް އެންގީ ހަމަ ކުއްލިއަކަށެވެ. އަދި އެއް ހަފުތާ އިތުރުކޮށްފި ކަމަށް ފަހުން އެންގި ނަމަވެސް އަނެއްކާ އެ އެންގުން ވެސް ބަދަލުކޮށް މޭ 24ގައި ޝޯ އޯފް-އެއާ ކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކްތާ ކަޕޫރުގެ މި ޝޯގައި ލަކަންގެ ރޯލު އަދާކުރާ ހީތެން ތޭޖްވަނީ ވަނީ ޝޯ ކުއްލިއަކަށް ހުއްޓާލާތީ ވަރަށް ދެރަވެއްޖެ ކަމަށް ބުނެފަ އެވެ. އަދި އޭނާއަށް މިހާ ރަނގަޅު ރޯލެއް ކުޅެން ދިން ކަމަށްޓަކައި އެކްތާ އާއި ބާލާޖީ ޓެލެފިލްމްސް އަށް ހީތެން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި ސިލްސިލާގައި ޕްރާޗީގެ ރޯލު ކުޅޭ ބަތަލާ ނީތީ ޓޭލާ ބުނި ގޮތުގައި ޝޯ ހުއްޓާލާކަން ކުއްލިއަކަށް އެނގުމުން އޭނާއަށް ކުޑައިރުކޮޅަކު ގަނޑުވެފައި ހުރެވުނެވެ. ނަމަވެސް މިފަހަރުގެ ސީޒަން ބެލުންތެރިންނަށް އެހާ ކަމު ނުދާކަން ނީތީއަށް ވެސް އެނގޭ ކަމަށް އޭނާ އެއްބަސްވި އެވެ. ނަމަވެސް އެއީ އެކްޓަރުންގެ ކުށެއް ނޫން ކަމަށާއި ސްކްރިޕްޓް ތައްޔާރުކުރާ ޓީމަށް ބެލުންތެރިންގެ ސަމާލުކަން ހޯދޭ ކަހަލަ ގޮތަކަށް ސްކްރިޕްޓް ނުލިޔެވުނީމަ ދިމާވި ކަމެއް ކަމަށް ނީތީ ދެކެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ 3" އުފެއްދުމަށް އެކްތާ މިހާރު ދަނީ ވިސްނަމުންނެވެ. އަދި ފުރަތަމަ ސީޒަންގައި ރާމް އާއި ޕްރިޔާގެ ރޯލު އަދާކުރި ދިޝާ ޕަރްމާރް އާއި ނަކުލް މެހެތާ އާއެކު ތިންވަނަ ސީޒަން ފަށަން އެކްތާ ވިސްނާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.