ހަބަރު

ރިޝްވަތުގެ ގޮތުގައި ސައުދީ އިން ރާއްޖެއަށް 11 ބިލިއަން ރުފިޔާ ދިން: އެމްޑީޕީ

ސައުދީ އަރަބިއްޔާ އިން ރިޝްވަތެއްގެ ގޮތުގައި ދިވެހި ސަރުކާރަށް މިދިޔަ އަހަރު 500 މިލިއަން ޕައުންޑް (11.23 ބިލިއަން ރުފިޔާ) ދީފައިވާ ކަމަށް ބުނެ އެމްޑީޕީ އިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

ސަރުކާރުގެ އެކި ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައުލޫމާތުތައް ހިމެނޭ އިންޓެލިޖެންސް ރިޕޯޓެއް ލިބިފައިވާ ކަމަށް ބުނެ އެ ޕާޓީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، ގޮތް ނޭގޭ އަދި ތަފްސީލުތައް ނެތް ގިނަ އަދަދެއްގެ ނަގުދު ފައިސާ ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 500 މިލިއަން ޕައުންޑަށްވުރެން ގިނަ ފައިސާ މިމަގުން ޓްރާންސްފަރކޮށްފައި ވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ތުހުމަތު ކުރެ އެވެ. އަދި މި ފައިސާ ރާއްޖެއަށް އެތެރެ ކުރީ ޕްރައިވެޓް ޖެޓެއްގެ ޒަރިއްޔާއިން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

"...މިގޮތުން 2015 ވަނަ އަހަރުގެ ކުރީކޮޅު ގަލްފު ސަރަޙައްދުން ދަތުރު ފެއްޓި ޕްރައިވެޓް ޖެޓެއްގައި 7 މިލިއަންހާ ބްރިޓިޝް ޕައުންޑުގެ ނަގުދު ފައިސާ ދިވެހިރާއްޖެއަށް ގެނެސްފައިވާކަމަށް [ރިޕޯޓުގައި] ފާހަގަކޮށްފައިވެ،" އެބަޔާނުގައި ބުނެފައިވެއެވެ. އެކަމަކު އެވަރު ބޮޑު ތުހުމަތެއް ކުރި އިރު އެކަމާ ގުޅޭ ހެއްކެއް އެމްޑީޕީ އިން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީޕީ އެބަޔާނުގައި ބުނެފައި ވަނީ ސައުދީ އިން ލިބުނު ފައިސާތައް ރިޝްވަތުގެ ގޮތުގައި ސިޔާސީ ފަރާތްތަކާއި، ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގެ ފަރާތްތަކާއި އަދި ސަރުކާރުގެ އިސް ވެރިންނާއި ދައުލަތުގެ މުވައްޒަފުން ހިމެނޭގޮތަށް ރައީސް ޔާމީންގެ ސަރުކާރާ ގުޅުންހުރި ފަރާތްތަކަށް ބަހާފައިވާކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް މި ބަޔާނުގައި ހެކިތަކެއް ނެތި އެތައް ބޮޑެތި ތުހުމަތުތަކެއް އެމްޑީޕީ އިން ވަނީ ސަރުކާރަށް ކޮށްފައެވެ. އެޕާޓީ އިން ބުނީ އެރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ކަންބޮޑުވާފަދަ މުހިއްމު މަޢުލޫމާތުތަކަށްވާކަމަށްޓަކައި، އެރިޕޯޓު އެކުލަވާލި ފަރާތުން ދަނީ އެމަޢުލޫމާތުތައް ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކާ ހިއްސާކުރަމުންދާ ކަމަށެވެ. އެ ރިޕޯޓްގައިވާ ގޮތުގައި، ސަރުކާރުން ބައެއް ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާގެ މައުލޫމާތުތައް އޮޅުވާލައިގެން ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ އެކައުންޓްތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާތައް ބޭނުންކޮށްގެން އެކި ފަރާތްތަކަށް ރިޝްވަތު ދީ ސިޔާސީ ފަރާތްތަކަށް ފާރަލައި ފަނޑިޔާރުންނަށް ރިޝްވަތުދީ ހަދަމުން އަންނަ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލަތައް ފުލުހުންނާއި ސިފައިން ގުޅިގެން ތަހުގީގު ކުރުމަށް އެ ޕާޓީ އިން ވަނީ ގޮވާލައިފަ އެވެ.