މުހައްމަދު ނާޒިމް

ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މެއި 26ގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެޑިޑޭޓް މުހައްމަދު ނާޒިމަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރުން މި މަހުގެ 26 ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރަން ފުރަތަމަ މަސައްކަތް ކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްކަމަށް ލަފާކުރެވޭތީ އެ ޖަލްސާ ފަސްކުރީ އެވެ.

އެމްއެންޕީން މިއަދު ބުނީ ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ކަމަށެވެ. މިޖަލްސާގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ ނާޒިމު އެކަންޏެވެ. އެހެންވެ ޕްރައިމަކާ ނުލައި ނާޒިމަށް ޓިކެޓް ކަށަވަރުވީ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް ބުނެފައިވަނީ އެމްޑީޕީއާއި، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއެންޕީ އެވެ. މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގެންދަވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.