ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބިފައިވާ ކަމަށާއި މި މައްސަލަ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ސޮޔާއި ޕީޕީއެމް އާއި އެމްއެންޕީގެ މަޖިލިސް މެންބަރުންގެ ސޮއިގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހު އެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމު ސޮއި ނުކުރައްވަ އެވެ.
ޖޭޕީގެ އިސް އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ މިއަދުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ވާތީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖޭޕީގެ ލީޑަރު ސޮއި ނުކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.
ރިފްއަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށްފަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ބުރާސްފަތި ދުވަހު އެވެ.