ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ އާންމު ކޮމިޓީން ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު އެމްޑީޕީގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވީ ރިފްއަތު މަޖިލީހަށް ޖަވާބުދާރީވުމަށް 30 މިނެޓް ދިނުމަށެވެ. މިހުށަހެޅުމަށް ތާއީދު ކުރެއްވީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
ޣަނީގެ ހުށަހެޅުން ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ރިފްއަތު ޖަވާބުދާރިވުމަށް ވަގުތު ދިނުމަށް ނިންމާފައިވަނީ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓާއި މެދު ތެރެއިން 10 މިނިޓާއި ބަހުސް ނިންމާލުމުގެ ގޮތުން ފަހު ބަހެއްގެ ގޮތުގައި ވާހަކަ ދެއްކެވުމަށް 10 މިނިޓެވެ. ދެ ގަޑިއިރުގެ މި ބަހުސްގައި މެންބަރުން ވާހަކަދައްކަވަން ލިބޭނީ ދޮޅުގަޑިއިރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ 13 މެންބަރުންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެ މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް މޭ 16، 2023ގައި ވަނީ އެޓާނީ ޖެނެރަލަށް ފޮނުވިފަ،" ނަޝީދު ވިދާޅުވި އެވެ.
މައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް ފަހުން ހާމަކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.