އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.

އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަނީ އެމްޑީޕީން ވަކިވުމަށް ސިޓީ ފޮނުވުމުންނެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު އެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު 22 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނެ އެވެ.

އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގައި މަސައްކަތް ކުރައްވާ މަޖިލީހުގެ އެމްޑީޕީގެ 12 މެންބަރަކު އެޕާޓީން އިސްތިއުފާ ދިނީ އިއްޔެ އެވެ.

އެ މެންބަރުން ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ.