ޝީޝާ

ތަރުހީބު ބޮޑުވުމުން ޝީޝާ ރޯދަ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް

May 20, 2023

ރޯދަ މަހާ ދިމާކޮށް ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޝީޝާ އިން ވިއްކި ހޮންޑާ ސައިކަލުތަކުން ބޮޑެތި ޑިސްކައުންޓްތައް ލިބޭ "ރޯދަ ރޯޅި" ޕްރޮމޯޝަންނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީވެ, މި މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ޝީޝާ އިން ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ސްޓޮކްގައި ހުރި ހުރިހާ މޮޑެލް ތަކެއްގެ ސައިކަލުން ބޮޑެތި ޑިސްކައުންތައް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޝީޝާގެ މާކެޓިން އެގްޒެކްޓިވް ނާއިޝް ޝާތިރު ވިދާޅުވީ ޕްރޮމޯޝަނުގެ މުއްދަތު އިތުރު ކުރީ ތަރުހީބު ބޮޑުވުމުން, ވީހާވެސް ގިނަ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ހެޔޮ އަގުތަކުގައި ސައިކަލު ގަތުމުގެ ފުރުސަތު ހޯދައިދޭން," ނާއިޝް ވިދާޅުވި އެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން ފުލް ކޭޝް ޕޭމަންޓަށްފަހު ސައިކަލު ގަންނަ ކަސްޓަމަރުންނަށް 5,000 އާއި 25,000 ރުފިޔާއާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ޝީޝާ އިން ބުނެ އެވެ. އަދި އެންމެ މަގުބޫލު ސްކޫޕީ ކްލަބް 12ގެ ކަޅު ކުލައިގެ ސައިކަލު ތަކުން ހާއްސަ ޑިސްކައުންޓެއް ދިނުމަށްވެސް ނިންމާފައިވެ އެވެ. އެގޮތުން ސްކޫޕީ ކްލަބް 12ގެ ކަޅު ކުލައިގެ ސައިކަލު ކުރިން 52,500 ރުފިޔާ އަށް ވިއްކި ނަމަވެސް މިހާރު އެ އަގު ވަނީ 47,900 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.

އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށްވެސް ޝީޝާ އިން ވަނީ ވަރަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ޑައުންޕޭމަންޓް ދައްކަންޖެހޭ ވަރު ކުޑަކުރުމުގެ އިތުރުން ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. މީގެއިތުރުން ސްކޫޕީ އާބަންގެ އިންސްޓޯލްމަންޓް ޗާޖް 1.25 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.

އެންމެ ފަހުން ޝީޝާ އިން ބާޒާރަށް ނެރުނު ޕީސީއެކްސް 160 އާއި އޭޑީވީ 160 އަދި ސްކޫޕީ ޕްރިސްޓީޖްގެ އާ މޮޑެލް ވެސް މި ޕްރޮމޯޝަނުގެ ދަށުން ހެޔޮ އަގުގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސައިކަލެއް ގަންނަން ބޭނުންވާ މީހަކަށް މިއީ ރަނުގެ ފުރުސަތެކެވެ. މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ޝީޝާގެ ވެބްސައިޓުން ނުވަތަ އެ ތަނުގެ ނަންބަރު 33HONDA އަށް ގުޅައިގެން ލިބޭނެ އެވެ.