ބޮލީވުޑް

ދިޝާ އާއި ރާހޫލް ވައިދިޔާ އަށް ދަރިއަކު ލިބެނީ

ސޮނީ ޓީވީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"އިން ދާދިފަހަކުން ވަކިވެފައިވާ ބަތަލާ ދިޝާ ޕަރްމާރް އާއި ފިރިމީހާ ރާހޫލް ވައިދިޔާ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފި އެވެ.

ސޮނީގެ އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ފައިނަލްގައި ވާދަކުރި ލަވަކިޔުންތެރިޔާ ރާހޫލް އާއި ދިޝާ ކައިވެނިކުރީ 2021 ވަނަ އަހަރު ކޮވިޑް ޕެންޑެމިކްގެ ތެރޭގަ އެވެ. ދިޝާ އާއި ރާހޫލް ކައިވެނިކުރީ "ބިގް ބޮސް 14"ގައި ބައިވެރިވެ އެ ގޭގައި ރާހޫލް ހޭދަކުރި ދުވަސްތަކުގައި ލައިވް ޓީވީގައި ދިޝާ އަށް ޕްރޮޕޯސްކުރުމަށް ފަހުގަ އެވެ.

ދިޝާ އާއި ރާހުލް މިކަން އިއުލާންކުރީ "މަމީ އެންޑް ޑެޑީ ލަވް" ޖަހާފައިވާ ބޯޑެއް ހިފަހައްޓައިގެން ނަގާފައިވާ ފޮޓޯއަކާއެކު އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގަ އެވެ.

މި ފޮޓޯގައި ދިޝާ ބަނޑުބޮޑުކަން ވަރަށް ރީތިކޮށް އެނގެ އެވެ. މިއާއެކު ދިޝާ ވަނީ އެންމެ ފުރަތަމަ ހެދި ސްކޭންގެ ފޮޓޮއެއް ވެސް ޝެއާ ކޮށްފަ އެވެ.

ދިޝާ ބަނޑުބޮޑޭ ކިޔައިގެން މިދިޔަ އަހަރު ވެސް އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އެ ފަހަރު އެމީހުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ދިޝާ ބަނޑުބޮޑުކަން އިއުލާން ކުރުމާއެކު އޭނާ އާއި ރާހޫލްގެ ފޭނުން ވަނީ ޒުވާން ދެމަފިރިންނަށް މަރުހަބާ ކިޔައި ސޯޝަލް މީޑީއާގައި ގިނަ މެސެޖުތަކެއް ލިޔެފަ އެވެ.

ދިޝާ އެންމެ ފަހުން ބައިވެރިވި "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އިން އޭނާ އާއި އެކްޓަރު ނަކުލް މެހެތާ ވަކިވުމުން ޝޯއަށް މުޅީން އާ ޒުވާން އެކްޓަރުން ތަކެއް ލައިގެން ކުރިޔަށް ގެންދިޔަ ނަމަވެސް ބެލުންތެރިންގެ ޝައުގުވެރިކަން ޝޯއަށް ނުލިބި ހުއްޓާލަން އުޅޭކަމުގެ ޚަބަރުތަކެއް ވަނީ ބުނެފަ އެވެ. އަދި ޝޯ އަށް އަލުން ނަކުލް އެނބުރި އަންނަ ކަމުގެ ޚަބަރުތަކެއްވެސް އިއްޔެ ވަނީ ފެތުރިފަ އެވެ. ނަމަވެސް ދިޝާ ބަނޑުބޮޑުވުމުން ނަކުލްއާ އެކު ދިޝާ އެނބުރި ނާންނާނެ ކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.