އާބަންކޯ

ޒަމާނީ ކޮންޓެއިނާ ޕާކަށް ކޯ-ވޯކިން ސްޕޭސެއް

May 20, 2023

އާބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނާ ޕާކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީ އެތަނުން ލިބޭ ހިދުމަތްތައް އިތުރުކުރުމުގެ ގޮތުން އެތަނުގައި ކޯ-ވޯކިން ސްޕޭސް އެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ކޯ-ވޯކިން ސްޕޭސް ހަދާ ހިންގާނީ އާބަންކޯ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

އަލަށް ފަށައި ގަންނަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ މި ކޯ-ވޯކިން ސްޕޭސްގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އިކޮނިމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒްލީނާ ފާކިރެވެ.

ހުޅުމާލޭ ރެޑްވޭވް މެގަމޯލް ފަހަތުގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނާ ޕާކަކީ ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ކޮންޓެއިނާ ޕާކެވެ. އެތަނުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު އެތަނުގައި ހަދާ ކޯ-ވޯކިން ސްޕޭސްއަކީ ރާއްޖޭގައި ހުޅުވާ މިފަދަ ދެވަނަ ތަނެވެ. ކޯ-ވޯކިން ސްޕޭސެއްގެ އިތުރަށް މި ކޮންޓެއިނާ ޕާކުގައި އިތުރަށް ދެ ކެފޭ ވެސް ހިންގުމަށް ވަނީ ނިންމާފަ އެވެ.

ފަށައިގަންނަ ވިޔަފާރިތަކަކީ ވަކި އޮފީސް ސްޕޭސްއެއް ހިންގުމުގެ ބުރަތައް އުފުލަން އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާނެ ވިޔަފާރިތަކަށް ވާއިރު އެފަދަ ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުމެވެ. ހުޅުމާލޭގައި ތަރައްގީކުރާ ކޮންޓެއިނާ ޕާކުގައި މިފަދަ ތަނެއް ހެދުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ޒުވާނުންގެ ކުރިއެރުމަށްވެސް މަގުފަހިކުރުން ކަމަށް އާބަންކޯ އިން ބުނެ އެވެ.