ހައްޖުގެ އަޅުކަން

ހައްޖުވެރިން ޖޫން 12ގައި ފުރަން ފަށަނީ

ރާއްޖެއިން މިއަހަރު ހައްޖަށް ފުރާ މީހުން ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރުމަށް ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ ކުންފުނި -- ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ މީހުން އަންނަ މަހުގެ 12 ފެށިގެން ފުރަން ފަށާނެ ކަމަށެވެ.

"ޝެޑިއުލާ އެއްގޮތަށް ދާނަމަ އަންނަ މަހުގެ 12 އިން 19 އަށް އަޅުގަނޑުމެންގެ ހަވާލުގައި ހައްޖަށްދާ އެންމެން ފުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އަވަސްއާ ވާހަކަ ދެއްކި ބައެއް ހައްޖު ގުރޫޕް ތަކުން ބުނީ އެ ގުރޫޕްތަކުގެ ހަވާލުގައި ހައްޖަށްދާ މީހުން ވެސް އަންނަ މަހުގެ 13 ނުވަތަ 14 ހިސާބުގައި ފުރާނެ ކަމަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ.

އަމިއްލަ ކުންފުނިތަކުން މިއަހަރު ހުށަހެޅި އަގުތައް

  • ހަރަމައިން - 75،250 ރުފިޔާ
  • ސިސިލްފަރު - 75،465 ރުފިޔާ
  • އަލްމަނާސިކު - 75،000 ރުފިޔާ

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާ އެވެ. ސަރުކާރުން ހުއްދަ ދީފައިވާ ކޮންމެ ކުންފުންޏަކަށް މިއަހަރު ދިނުމަށް ނިންމާފައިވަނީ 90 ކޯޓާ އެވެ. ބާކީ ހުރި ކޯޓާތައް ދޭން ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ހައްޖުވެރިން ފުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމު އިސްވެ ހުންނަވައިގެން ކަމާ ގުޅޭ ހާއްސަ ކޮމިޓީއެއްވެސް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފަ އެވެ.