ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވުނު ހަފްލާއެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ އާއި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ހަފީޒެވެ.
މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ގައުމީ ޓެނިސް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް ކަމަށެވެ.
"އަޅުގަނޑުމެން ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތްލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ކާލް ވިދާޅުވި އެވެ.
ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރުގެ އިތުރުން ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގައުމީ ޕާޓްނަރަކީވެސް ބީއެމްއެލް އެވެ.
މީގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ފަންޑުގެ ދަށުން ބީއެމްއެލް އިން މިހާރު ދަނީ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ތަމްރީން ހޯދުމަށް ރާއްޖޭގެ ހަތް އެތްލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.