ހަބަރު

ބީއެމްއެލް އިން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަޝިޕްގެ މުއްދަތު އިތުރުކޮށްދީފި

ބީއެމްއެލް އިން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަޝިޕްގެ މުއްދަތު އިތުރުކޮށްފި އެވެ.

ބީއެމްއެލް އިން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަޝިޕްގެ މުއްދަތު އިތުރުކޮށްފައިވަނީ ދެ އަހަރުގެ މުއްދަތަށެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު އެވެ. އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. މި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ ބޭންކާއި އެފްއޭއެމާއި ދެމެދު އޮތް މި ހާއްސަ ގުޅުން ދެމިގެންދިއުން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް. ގައުމީ ޓީމުތަކުން ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއްކަންތައް. އަދި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް މި ބޭންކުން ބޭނުންވޭ." ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެ އަހަރު ފިރިހެން ސީނިއާ ގައުމީ ޓީމާ، އަންހެން ސީނިއާ ޓީމާ އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދާނެއެވެ. މި ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގް ހިމެނިގެން ދާނެކަމަށް ބީއެމްއެލް އިން ބުންޏެވެ.