އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކާމިޔާބުވެ ވަޑައިގަތުމަށް އެދިވަޑައިގަންނަވަނީ ޖޯ ބައިޑަން އަށް ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވުރެ އެތައް ގުނައެއް ޖޯ ބައިޑަން ކަމުދާ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.
ޝޯލްޒް ވިދާޅުވީ ޓްރަމްޕަށް ލިބިވަޑައިގެންފައި ނުވާ އެތައް ތަޖުރިބާއެއް ބައިންޑަން އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމެރިކާގެ ރައްކާތެރި ކަމަށް ބެލި ނަމަވެސް ޓްރަމްޕަށް ވުރެ ޖޯ ބައިޑަން މާބޮޑަށް ވެސް ހަރުދަނާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ވެރިރަށާ މާދުރު ނޫން ހިސާބެއްގައި ހުންނަ ކުޑަކުދިންގެ ސުކޫލެއްގައި -- ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަނިކޮށް ޗާންސެލަރަށް ހުށަހެޅުނު ސުވާލެއްގައި އަހަނީ އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ސަޕޯޓްކުރައްވާނީ ޓްރަމްޕަށް ނުވަތަ ބައިޑަން އަށް ތޯ އެވެ.
އޯލަވް ޝޯލް ވިދާޅުވީ ޓްރަމްޕަށް ވުރެ ބައިޑަން މާބޮޑަށް ވެސް ރަނގަޅު ކަމަށެވެ. އަދި ބައިޑަން ހޮވިވަޑައި ގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝޯލް ވިދާޅުވި ގޮތުގައި ދުނިޔެ ހަނގުރާމައަކުން ސަލާމަތްކުރާ ގޮތް 80 އަހަރުގެ ޑިމޮކްރެޓަށް އެނގިވަޑައި ގަންނަ އެވެ.
ޓްރަމްޕާ ބެހޭ ގޮތުން ޗާންސެލަރު ވިދާޅުވީ އޭނާގެ ސަބަބުން ގައުމު ބައިބައިވާ ކަމަށެވެ. ޓްރަމްޕް 2024 ގައި ރައީސްގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ އެމެރިކާ އަށް އޮތީ ބަނަ ދުވަސްތަކެއް ކަމަށް ވެސް ޝޯލްޒް ވިދާޅުވި އެވެ.
ޑޮނަލްޓް ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެެވެ. ރިޕަބްލިކަން ޕާޓީން ވެރިކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ޓްރަމްޕް ކަމަށް ދާދި ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ވަނީ ދައްކާފަ އެވެ.
ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަން އާއި ޑޮނަލްޑް ޓްރަމްޕް ވާދަކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ ވަރަށް ބޮޑު ތަފާތަކުން ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ޚިޔާލު ހޯދުމުގެ ވޯޓަކުން ވަނީ ދައްކާފަ އެވެ.