ޔޫރަޕިއަން ޔޫނިއަންގެ ބައިވެރިންނާ ގުޅިގެން ނުވަތަ އެ ނޫން ގޮތަކަށް ނަމަވެސް ޖަރުމަނަށް ނިއުކްލިއާ ހަތިޔާރު ބޭނުން ނުވާ ކަމަށް އެ ގައުމުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.
އޯލަފް ވިދާޅުވީ ނިއުކްލިއާ ހަތިޔާރަކީ ޖަރުމަނަށް ވަރަށް ބީރައްޓެހި އެއްޗެއް ކަމަށެވެ. ޖަރުމަނުން އަމިއްލައަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އެއްއިރެއްގައިވެސް އެ ގައުމުން ގެންގުޅުނު ހިޔާލެއް ނޫން ކަމަށާއި ޔޫރަޕްގެ ދިފާއުގައި އޮންނަން އެދިވަޑައިގަންނަވަނީ ނޭޓޯ ކަމަށްވެސް ވިދާޅުވި އެވެ.
އޯލަފް ވިދާޅުވީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އޮތް ނަމަވެސް ސަރަހައްދީ ދިފާއީ ބާރެއްގެ ގޮތުގައި -- އެމެރިކާއާ ގުޅިގެން ނޭޓޯ ހަރުދަނާކުރުން ބުއްދިވެރި ކަމަށެވެ.
އޭނާ ވިދާޅުވީ ޔޫރަޕްގެ ދިފާއީ ބިންގަލަކީ ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ކަމަށެވެ. މިއީ ޔޫރަޕްގެ ހުރިހާ ގައުމަކަށް އެއްބަސްވާން ފަސޭހަ ގޮތެއް ކަމަށްވެސް ވިދާޅުވި އެވެ.
ކޮންމެ ދެ ގައުމެއް އެއްގޮތް ނުވުން މާނަކުރެވެނީ ކޮންމެ ބައެއްގެ މެދުގައިވެސް ހިޔާލު ތަފާތުވުން އޮންނާނެކަން ކަމަށާއި ނަމަވެސް ޔޫރަޕްގެ ދިފާއީ ކުޑައަކީ ނޭޓޯ ކަމަށް ހެދުމަށް މުޅި ޔޫރަޕް އެއްބަސްވާނެ ކަމަށްވެސް ޗާންސެލަރު ވިދާޅުވި އެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން ނޭޓޯއަށް ބަރޯސާވުމާ މެދު ސުވާލު އުފައްދަ އެވެ. ބައެއް ގައުމުތަކުގެ ސިޔާސީ ލީޑަރުން ދެކެވަޑައި ގަންނަވާ ގޮތުގައި ނޭޓޯއިން ވަކިވެ އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުން މާފައިދާ ބޮޑެވެ.
ނޭޓޯގެ ބައިވެރިއެއް ގޮތުގައި އެމެރިކާ އޮތުމަކީވެސް ޔޫރަޕްގެ ބައެއް ގައުމުތައް އެހާ ރުހޭ ކަމެއް ނޫނެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސްގެ މަގާމަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންފިނަމަ ނޭޓޯއިން އެމެރިކާ ވަކިވުމަކީ ވެސް ވެދާނެ ކަމެކެވެ.
ޓްރަމްޕް ކެމްޕޭން އެއްވުންތަކުގައި މި މޭރުމުން އެތައް ފަހަރަކު ވަނީ ބަސްވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުން ނޭޓޯއަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ އެމެރިކާ އަށެވެ. ޔޫރަޕު ދިފާއުކުރުމަކީ އެމެރިކާއަށް އޮތް ވާޖިބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ނޭޓޯ ޖަމާއަތް ދެމެހެއްޓުމަށްޓަކައި މެންބަރު ގައުމުތަކުން ދައްކަން އޮންނަ ޖިޒީ ދެއްކުމުގައި ބައެއް ގައުމުތަކުން ފަރުވާކުޑަކޮށް ނުދައްކާ މައްސަލަވެސް އޮތީ ވަރަށް ބޮޑުވެފަ އެވެ.
މިކަމަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައީސް ކަމަށް އޭނާ ހޮވިވަޑައިގެންފިނަމަ ނިއުކްލިއާ ހަތިޔާރުން ޔޫރަޕަށް ދޭ ހިމާޔަތް ދެމެހެއްޓުމާ މެދު ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ.