ޖޭއެސްސީ

ވަރިވާން ހުށަހެޅި އަންހެން މީހާއަށް ގުޅި ގާޒީ ސަސްޕެންޑްކޮށްފި

ފިރިމީހާގެ ކައިރިން ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅި އަންހެން މީހާއަށް ގުޅައި މެސެޖުކުރީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމު ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފި އެވެ.

ޖޭއެސްސީ އިން މިރޭ ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް ހެދި ކަމަށް ތުހުމަތުގައި އަލީ އާދަމްއާ ގުޅޭ މައްސަލައެއް ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް މިރޭ ބޭއްވި ކޮމިޝަންގެ ކުއްލި ޖަލްސާގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.

ވަރިވާން ހުށަހެޅި އަންހެން މީހާއަށް އަލީ އާދަމް ގުޅާތީ އެކަމާ ހިތްހަމަނުޖެހިގެން އޭނާއަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކު ހައްޔަރުވެސް ކޮށްފަ އެވެ.