އާބަންކޯ

ހުޅުމާލޭގައި "މަގުހުރަސް ބައްތި" ބޭނުންކުރަން ފަށައިފި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް އިތުރުވުމާ ގުޅިގެން އެކަމަށް ހައްލު ހޯދުމަށް "މަގުހުރަސް ބައްތި" ނުވަތަ ޓްރެފިކް ލައިޓް ހަރުކޮށް ބޭނުންކުރަން ފަށައިފި އެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަގުހުރަސް ބައްތިތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިން ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާ ލައިޓްތަކެކެވެ. މިފަދަ ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު މަގުހުރަސް ކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

އާބަންކޯ އިން ބުނީ މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.

މަގުހުރަސް ބައްތި މިވަގުތު ހަރުކުރުމަށް ހަމަޖެހިފައިވަނީ އަށް ސަރަހައްދެއް ގައެވެ. އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދޭނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް ލައިޓް އަދި ހިޔާ ސަރަހައްދުގައި އެއް ލައިޓް މިއަދުން ފެށިގެން ބޭނުންކުރާ ގޮތަށްވެސް އާބަންކޯ އިން ވަނީ ނިންމާފަ އެވެ.

މަގުހުރަސް ބައްތި ތަކުގެ ތެރެއިން ކޮންމެ ލައިޓެއްގައިވެސް ހުންނަ ބަޓަން އަށް ފިތާލުމުން އަމަލުކުރަންވީ ގޮތްް ފެނިގެންދެ އެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން އަދި ހިނގައިގަންނަންވުމުންވެސް އޭގެއިން ބުނެދެ އެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި މަގުހުރަސްކުރަން ބުނެ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، ވަކިން ހާއްސަކޮށް މިހާރުވެސް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރަމުންދާ ކަމަށެވެ. ހުޅުމާލޭގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ މީހުންނަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.