ފައިނޭންސް ފޯރަމް

މޯލްޑިވްސް ފައިނޭންސް ފޯރަމު ހޯމަ ދުވަހު ފަށަނީ

May 27, 2023

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް"ގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުންގެ މައުލޫމާތު އިއުލާންކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.

މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަން ނިންމާފައިވަނީ "ދަ ފިއުޗާ އޮފް ފައިނޭންސް އެކްސްޕްލޯރިން ދަ އިންޓެކްޝަން އޮފް ފައިނޭންޝިއަލް ޓެކްނޮލޮޖީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް" ތީމަށެވެ.

މިފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ޓެކްނޮލޮޖީއާ އެކު މާލީ ދާއިރާއަށް ހުރި ފައިދާތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ.

މިއަހަރުގެ ފޯރަމުގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވާނީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާއި، ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް، ޓެކޮނޮލޮޖީ ދާއިރާގައި ފާހަގަކުރެވޭ ދެ ދިވެހިންނާއި، ބައެއް ބޭންކުތަކުގެ އެންމެ އިސްވެރިންނާއި ފައިނޭންސް ދާއިރާގެ ބޭރުގެ ދެ ތަޖުރިބާކާރެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބޭންކިން ޕާޓްނަރަކީ ބީއެމްއެލް އެވެ. ކޯ ސްޕޮންސަރަކީ އެމްއައިބީ އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ އެޗްޑީއެފްސީ، ސޮލެރެލް، ބީއޯސީ، މޮރިޝަސް ކޮމާޝަލް ބޭންކް އަދި ސީބީއެމް އެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ ފޯރަމެކެވެ.