އެސްޑީއެފްސީ

ލޯނަށް އެދޭއިރު ލިޔުންތައް ސައްހަކުރުމަށް އެސްޑީއެފްސީން އިލްތިމާސްކޮށްފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހުންނަ މައި އިމާރާތް
0%
0%
0%

ލޯނަށް އެދޭ ފަރާތްތަކުން ހުށަހަޅާ ކޯޓޭޝަންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އިލްތިމާސްކޮށްފި އެވެ.

އެސްޑީއެފްސީ އިން ބުނީ ލޯން ހޯދަން ހުށަހަޅާ ކޯޓޭޝަންތައް ދޫކުރާ ފަރާތްތަކަކީ އެ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކެއްކަން ޔަގީންކުރުމަށް އެދޭ ކަމަށެވެ.

ލޯން ހޯދުމަށް ހުށަހަޅާ ކޯޓޭޝަނަކީ އެ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިއަކުން ދޫކޮށްފައިވާ ކޯޓޭޝަނެއްކަން ޔަގީން ނުކުރެވޭނަމަ، އެކަން ކަށަވަރުކުރެވޭނެ އެހެން ވިޔަފާރިއަކުން ކޯޓޭޝަން ހޯދުމަށްވެސް އެސްޑީއެފްސީ އިން އެދިފައިވެ އެވެ. މިފަދަ ފިޔަވަޅެއް އަޅަނީ ލޯނުގެ ހިދުމަތް ހޯދުމުގައި ދިމާވާ އޮޅުވާލުންތަކާއި ނަހަމަ ބޭނުންތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށްވެސް ބުންޏެވެ.

އެސްޑީއެފްސީ އިން މިވަގުތު ހުޅުވާލައިފައިވާ "ވިޔަފާރި އެހީ" ލޯނު ސްކީމަކީ މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރި ހަރަދުތައް ހަމަޖެއްސުމަށާއި އަދި ހިނގަމުންދާ ވިޔަފާރި ހަރަކާތްތަކަށް ބޭނުންވާ މެޝިނަރީ ގަތުމަށް އެހީތެރިވެދޭ ލޯނު ސްކީމެކެވެ. މި ސްކީމުގެ ދަށުން ގިނަވެގެން 1.5 މިލިއަން ރުފިޔާގެ ލޯނަށް އެދުމުގެ ފުރުސަތު ލިބެ އެވެ.

ލޯނަށް އެދި ހުށަހަޅާއިރު އެ ފަރާތަކުން ގަންނަން ބޭނުންވާ މުދަލާއި އޭގެ ތަފްސީލް އެނގޭ ކޯޓޭޝަން ހުށަހަޅަން ޖެހެ އެވެ. ފާއިތުވި އެއް އަހަރު ދުވަހު މެދުނުކެނޑި ވިޔަފާރިކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް މި ލޯނަށް އެދުމުގެ ފުރުސަތު ލިބެ އެވެ.

އެސްޑީއެފްސީއިން މިވަގުތު ހުޅުވާލާފައިވަނީ "ވިޔަފާރި އެހީ" ލޯނު ސްކީމުގެ އިތުރުން "ދަނޑުވެރި ނަފާ" އަދި "ފަށާ މަދަދު ލީސިން" އެވެ.

އެސްޑީއެފްސީއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެސްޑީއެފްސީ އުފެއްދި މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910