އެމްޑީޕީ

އެމްޑީޕީ ހަރުގެ މައްސަލަ ކޯޓަށް

އެމްޑީޕީ މައި ހަރުގެ ހުސްކުރަން ގޭގެ ވެރިފަރާތުން އެންގުމާ ގުޅިގެން އެމްޑީޕީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ މައި ހަރުގެ ހަދާފައިވަނީ އެ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ޝަފިއްޔާ ޒުބައިރުގެ ބިމެއްގަ އެވެ.

ޝަފިއްޔާ މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފަ އެވެ.

ޝަފިއްޔާ ވަނީ ހަރުގެ ހުސްކުރަން އެންގުމަށްފަހު އެ ބިން އެހެން ފަރާތަކަށް ކުއްޔަށްވެސް ދީފަ އެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު އަވަސް އަށް ވިދާޅުވީ ހަރުގެ މައްސަލަ ކޯޓަށް ހުށަހެޅީ އެތަން ދީފައިވާ މުއްދަތު ހަމަވި ނަމަވެސް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ އިންތިހާބު ނިމެންދެން ހަރުގެ ބޭނުން ކުރެވޭނޭ ކަމަށް ގޭގެ ވެރިފަރާތުން ކުރިން އެންގުމަށްފަހު އެ އެންގުން އެހެން ގޮތަކަށް ފަހުން ބަދަލުކުރުމުން ޕާޓީގެ ހައްގުތައް ކަށަވަރުކުރުމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީންް ތާއަބަދު އެތަނުގައި ތިބެން އެއްވެސް އިރަކު ވިސްނާފައި ނެތް ކަމަށެވެ. އަދި ގޭގެ ވެރިފަރާތުން ތަން ހުސްކުރަން އެންގުމުން ތަނެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.