ބޮލީވުޑް

"ސަސުރާލް ސިމަރް ކާ" ބަތަލާ ދީޕިކާ އެކްޓްކުރުން ހުއްޓާލަނީތަ؟

އިންޑިއާގެ ނޫސްތަކުން އިއްޔެ ފެތުރި ޚަބަރުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މަޝްހޫރު ޓީވީ ސިލްސިލާ "ސަސުރާލް ސިމަރް ކާ" ބަތަލާ ދީޕިކާ ކައްކަރް އެކްޓްކުރުމާ ދުރަށް ދިޔަ ވާހަކަ އަށެވެ.

އެ ޚަބަރުތަކުގައި ބުނެފައިވާ ގޮތުގައި ދީޕިކާ އެކްޓްކުރުމަށް އަލްވަދާއު ކިޔަނީ ގެވެހި އަންބަކަށް ވުމަށެވެ.

ދީޕިކާ އާއި ފިރިމީހާ ޝުއައިބު އިބްރާހީމް މިހާރު ދަނީ އެމީހުންގެ އަލަތު ދަރިފުޅަށް އިންތިޒާރު ކުރަމުންނެވެ. ދީޕިކާ ވިހާނީ އަންނަ ޖުލައިގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ޚަބަރު ފެތުރުމާ ގުޅިގެން އީޓައިމްސް އަށް ދީޕިކާ ދިން އިންޓަވިއު އެއްގައި މި ވާހަކަ ދޮގުކޮށްފައި ވެއެވެ.

ދީޕިކާ ބުނީ އެކްޓިންއާ ދުރަށް ދިއުމުގެ ވިސްނުމެއް އަދި ނެތެވެ. އޭނާ ބުނި ކަމަށް ދެކެވެމުންދާ އެ ވާހަކައަކީ އޭނާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ދައްކާފައިވާ ވާހަކައަކުން ތަންކޮޅެއް ނަގައިގެން ފަތުރަމުންދާ ވާހަކައެއް ކަމަށްވެސް ދީޕިކާ ބުންޏެވެ.

"އަހަރެން އަބަދުވެސް ގެވެހި އަންބަކަށް ވާހިތްވޭ. ހެނދުނު ސައި ދީފައި ޝުއައިބު އޮފީހަށް ފޮނުވާފައި އަހަރެން ގޭތެރޭގެ ކަންކަމުގައި އުޅުމަކީ އަހަރެން އަބަދުވެސް ބޭނުންވާ ގޮތް. ނަމަވެސް އޭގެ މާނައަކީ އަހަރެން އެކްޓްކުރާ ހިތް ނުވުމެއް ނޫން. ކުރިއަށް އޮތް ހަތަރު ފަސް ވަރަކަށް އަހަރު އަހަރެން އެކްޓް ކުރުމާ ދުރުގައި ހުރުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް އަހަރެން ހިތްހަމަޖެހޭ ކަހަލަ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ އެހާ ދުވަސް ފަހުން ވެސް އެކްޓް ކުރަން އަލުން ފަށާނަން،" ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނި ގޮތުގައި ކުރިމަގާ މެދު ވަކި ގޮތެއް ނިންމޭނީ ވިހެއުމަށްފަހު ދަރިފުޅު ގޮވައިގެން ދިރިއުޅެން ފެށުމުން ދެން ކަންތައްތައް ވާގޮތެއް ބަލާފަ އެވެ.

"ސަސުރާލް ސިމަރް ކާ 2"ގައި ވެސް ކުޑަ ރޯލެއް އަދާ ކުރި ދީޕިކާ ބުނީ މިވަގުތު ބޭނުމީ މަންމައަކަށް ވުމުން އެ ލިބޭ އުފާތައް ތަޖުރިބާކުރާށެވެ. އަދި ދަރިފުޅު އެހެން މީހަކާ ހަވާލުކޮށްފައި ޝޫޓިން އަށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.

ދީޕިކާ އާއި ފިރިމީހާ ޝުއައިބު ބައްދަލުވެފައިވަނީ "ސަސުރާލް ސިމަރް ކާ"ގެ ސެޓުންނެވެ. ޝުއައިބު އަކީ އެ ސިލްސިލާގައި ލީޑް ރޯލު އަދާކުރި އެކްޓަރެވެ.

ޝުއައިބުއާ ކައިވެނިކުރުމަށްޓަކައި ދީޕިކާ ވަނީ އިސްލާމް ދީން ޚިޔާރުކޮށްފަ އެވެ. އަދި މިހާރު އޭނާއަކީ ނަމާދުކޮށް ރޯދަ ހިފާ އުޅޭ މުސްލިމެކެވެ.