ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން: ނަޝީދު

އެމަނިކުފާނަކީ ސިޔާސީ މީހެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސްކޫލުތަކުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކުރުމުގެ ފުރުސަތު ސިޔާސީ ބޭފުޅުން ކަމަށް ބުނެ މަޖިލިސް މެންބަރުންނަށް ނުދޭ ކަމަށް ބުނެ ބައެއް މެންބަރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލު ކުރެއްވުމުންނެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ސްކޫލުތަކުގެ އިނާމު ދިނުމުގެ ޖަލްސާތަކަށް ދައުވަތު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

"ވަރަށް ގިނަ ތަންތަނަށް އަޅުގަނޑަށް ދެވިފައިވާނެ. މިހާރުވެސް ވަރަށް ގިނަ ތަންތަނަށް ދައުވަލު ލިބިފައިވޭ. އަޅުގަނޑު ހިތުން އަޅުގަނޑަކީ ތި ވިދާޅުވާހެން ސިޔާސީ މީހެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސްކޫލުތަކުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކުރުމުގެ ފުރުސަތު ނުލިބޭތީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހުމާން ކަނޑައަޅަނީ ސްކޫލުން ކަމަށެވެ.

ޝަރަފުވެރި މެހުމާނު ކަނޑައެޅުމުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ކަމަށްވެސް އައިޝަތު ވިދާޅުވި އެވެ.

"ސްކޫލުތަކުން އަޅުގަނޑުމެންނަށް ފޮނުވާނެ ޗީފް ގެސްޓްގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ ބޭފުޅުން. ތިން ޗޮއިސްއެއް ފޮނުއްވަވާ. އާންމު ގޮތެއްގައި ފުރަތަމަ އޮންނަ ޗޮއިސްއަށް އެޕްރޫވަލް ދެން،" އައިޝަތު ވިދާޅުވި އެވެ.