އަހުމަދު އުޝާމް

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ދަ ޑިމޮކްރެޓްސްގެ މެންބަރުން ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ގަރާރާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގަރާރަކީ ތަފާތު އިޖުރާއަތަކުން ހިނގާ ދެ ގަރާރު ކަމަށެވެ.

ގާނޫނު އަސާސީގައި ގަރާރުގެ ވާހަކަ ބަޔާންކުރަނި ދެ ހާލަތެއްގައިކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ އެއީ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރާއި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުު މަގާމުން ވަކިކުރުމުގެ ގަރާރު ކަމަށެވެ.

އުޝާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގަރާރަށް ހިނގާނީ ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ގަރާރެއް (މަޖިލީހުގެ ގަވާއިދުގެ) 167 ވަނަ މާއްދާގެ ގޮތުގައި އަމަލުކުރާނަމަ ފުރަތަމަ ކިޔުން ކިޔަން ޖެހޭނެ، ބަހުސް ކުރަން ޖެހޭނެ، ކޮމިޓީ ސްޓޭޖަށް ދާންޖެހޭނެ އަނެއްކާ މަޖިލީހަށް އޭގެ ރިޕޯޓް ހުށަހަޅައިގެން ދެން އެއަށް ގޮތެއް ނިންމަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާ، 35 ވަނަ ބާބު އޮތް ގޮތުން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ ގަރާރާއި ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ގަރާރަކީ މުޅިން ތަފާތު އިޖުރާއަތްތަކެއްގެ މަތިން ހިނގާނެ ދެ ގަރާރުކަން ސާފު ކަމަށެވެ.

"އެހެންވީމަ މިހާރު ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.