މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންގެ ހުނަރު ދައްކާލާ ފެއާއެއް ހުޅުވައިފި

Jun 1, 2023
1

ޖަލުގައި ތިބޭ ގައިދީންގެ ހުނަރު ދައްކާލުމަށް ބާއްވާ "އިންމޭޓް ކްރިއޭޓިވިޓީ ފެއާ 2023" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިންތިޒާމުކޮށްގެން މިއަހަރުގެ ފެއާ ކުރިއަށް ގެންދަނީ ކ. މާފުށީ ސްކޫލުގައެވެ.

މިފެއާ މިއަދު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ. މިރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ކަރެކްޝަންސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަލުތަކުގެ ކަންކަން ރަނގަޅު ކުރުމަށާއި ގައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށް ގެންދާ ކަން ފާހަގަކުރެވެ އެވެ.

"ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް އަޅުގަނޑު އެދެން،" ނައިބް ރައީސް ވިދާޅުވި އެވެ.

މި ފެއާގެ މަގުސަދަކީ ގައިދީން ރިހިބިލިޓޭޓްކޮށް މުޖުތަމައަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ގައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ އިންމޭޓް ކުރިއޭޓިވިޓީ ފެއާގައި 40 އަށް ވުރެ ގިނަ ގައިދީން ބައިވެރިވެ އެވެ.

ފެއާގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2،400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރިކޮށްފައިވެ އެވެ.