ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގެއަަށް ބަދަލު ކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިރޭގެ އިޝާ ވަގުތުގެ ކުރީންނެވެ.

ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު ގޭ ބަންދުގައި ހުންނަވަން ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައި ސިޓީ ލާފައެވެ.

ދާދި ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެދުވަހު ރައީސް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީ ސިޓީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާތީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ގޮތްތަކެއް ނިންމަން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށްވެސް ދެރަ ގޮތެއް ނުވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ އާއިލާ އާއި އިދިކޮޅު ދެ ޕާޓީން އެދުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކޮށް ދިނުމަށެވެ. ނަމަވެސް މިރޭ އެމަނިކުފާނު ގެއަށް ބަދަލު ކުރިއިރު ރޯދަ މަހުގެ 16 ދުވަސް މި ވަނީ ފާއިތުވެފައެވެ.

އިދިކޮޅު ކޯލިޝަނުން މީގެ ދެ ރޭ ކުރީން “ދޭތިން އެކައްޗަށް” މި ނަމުގައި ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ފަށާފައެވެ. އެ އިހުތިޖާޖުތަކުގެ އެންމެ ބޮޑު ބޭނުމަކީވެސް ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރަން ބާރު އަޅާ ސަރުކާރަށް ޕްރެޝަރު ކުރިވުމެވެ.