ރައީސް އަބްދުﷲ ޔާމީން

ޖަލު ހާދިސާއާއެކު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން ގޮވާލައިފި

Apr 19, 2020
9

މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު އިއްޔެ ހަމަނުޖެހުން ހިނގުމާއެކު، އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރައްކާތެރިކަމަށްޓަކައި، އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީން ގެެއަށް ބަދަލު ކުރަން ގޮވާލައި ޕީޕީއެމް /ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދޭން ބަޔަކު މަސައްކަތްކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"... އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ލަސްކުރުުމެއް ނެތި މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ސަރުކާރަށް ގޮވައިލަމެވެ،" އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ދެ ޕާޓީގެ ޒިންމާއެއް ކަމަށް އެ ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ރޭ ކާން ދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ވަނީ ޔުނިޓުން ނިކުމެފަ އެވެ. ޔުނިޓުން ނިކުމެ ޖަލުގެ ބައެއް އޮފިސަރުންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ފަހުން އެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނުއިރު، ގައިދީއަކަށާއި ދެ އޮފިސަރަކަށް ވަނީ އަނިޔާ ވެފަަ އެވެ.

އެ ހާދިސާއާ ގުޅިގެން ޖަލަށް ޒިޔާރަތް ކުރެއްވުމަށް ފަހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މުއައްސަސާތަކަށް ބާރުބޮޑުވެފައިވާ ދަނޑިޔަވަޅުގައި ޖަލު ހަލަބޮލި ކުރަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލް ކުރެވުނީ އޮފިސަރުންގެ ކުޅަދާނަ ކަމުން ކަމަށެވެ.

"ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވެ ނާޒުކު މި ވަގުތު ޖަލު ހަލަބޮލިކަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލް ވުމަކީ ﷲ ގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން. ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަން ދީގެން ޖަލު ބެހެއްޓުން،" އިމްރާންގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ވެސް ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ.

އޭގެ ފަހުން ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރެއިން އިތުރު ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުތަކެއް ކުރެވިފަ އެވެ. އެ މައްސަލަތަކުގެ ތަހުގީގަށް ރައީސް ޔާމީން އެތައް ފަހަރަކު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ވެސް ކޮށްފަ އެވެ.

އެ ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި ކޮރަޕްޝަންގެ އެ ބޮޑު މައްސަލައާ ގުޅުވައި އެމަނިކުފާނުގެ މައްޗަށް ކުރަމުންދާ ތުހުމަތުތައް އިދިކޮޅު ކޯލިޝަނުން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީން ބުނަމުންދާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ ނުހައްގު ދައުވާއެއްގެ މައްޗަށް ނުހައްގު ހުކުމެކެވެ.

ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން ރައީސް ޔާމީން ގެއަށް ބައްދަލުކޮށްދިނުމަށް އެކި ފަހަރު މަތިން އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް، ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.