މާފުށީ ޖަލު

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ

Sep 15, 2022

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މީހަކު މަރުވެއްޖެ އެވެ.

ޖަލުގައި މިއަދު މަރުވީ މ. މުލި ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު (43 އަހަރު) އެވެ.

ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ނަޝީދު ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 ވަނަ އަހަރުގެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އަތުލައިގެން 61 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން ހުރެގެން ކަމަށް އެނގިފައިވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް އަވަސް ފަރުވާ ދިން ކަމަށެވެ.

އަވަސް ފަރުވާއަށްފަހު ވެސް ނޭވާ ނުލުމުން ވެސް އޭނާ މަރުވި ކަމަށް ޑޮކްޓަރު ނިންމެވީ މިއަދު ހަވީރު 5:26 ގައި ކަމަށްވެސް ކަރެކްޝަންސް އިން ބުނެ އެވެ.

ނަޝީދު މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.