މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ޖަލު އިސްލާހު ވާނީ އޮފިސަރުން ބަދަލު ވެގެން: އިމްރާން

ސަރުކާރުން ތަސައްވަރު ކުރާ ފަދަ ތަނަކަށް ޖަލު ހެދުމަށްޓަކައި ޖަލުތަކަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތަކެއް ގެނެވޭނީ މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އޮފިސަރުންގެ ވިސްނުމަށް އެ ހެޔޮ ބަދަލުތައް ގެނެވިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސް ސާވިސްގެ 48 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ ސަލާމަތީ މުއައްސަސާތަކުން ބަލަހައްޓަމުންދާ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި އަމަލުތަކެއް ހިނގާ "ހުރަގެއެއް" ކަމުގައި ބުނާ ބުނުމަށް ބަދަލު ގެނެވިއްޖެ ކަމަށެވެ.

ޖަލުތަކަށް ގެންނަންވީ ބަދަލުތައް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއާއެކު އެކަށީގެންވާ ހަލުވި މިނެއްގައި ފިޔަވަޅު އެޅިފައި ނުވި ނަމަވެސް ކޮންމެ ވެސް މިންވަރަކަށް ޖަލުތަކަށް އިސްލާހީ ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ. އަދި އިތުރަށް އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަންސްއާއި ކަރެކްޝަންސްގެ ހުރިހާ އޮފިސަރުންނަށް އިމްރާން އިލްތިމާސް ކުރެއްވި އެވެ.

އިމްރާން ވިދާޅުވީ ސަރުކާރުން ގަބޫލު ކުރާ ސިޔާސަތަކީ ޖަލުތަކަކީ ކުށްކުރާ މީހުން ބަންދުކޮށް އެ މީހުންނާ މެދު އިހާނެތިކޮށް އަދި އަނިޔާވެރިކޮށް އަމަލު ހިންގާ ތަނެއްގެ ގޮތުގައި ނޫން ކަމަށެވެ. ސަރުކާރުން ދެކޭ ސިޔާސަތުގައި، ކުށް ކުރާ މީހުން ޖަލުގައި ބަންދު ކުރަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އިތުރު ގޮތެއް ނޯންނާނެތީ މުޖުތަމައުގެ ސަލާމަތް ކުރުމަށާއި އެފަދަ މީހުން އިސްލާހު ކޮށް ކުށް ތަކުރާރު ނުކުރާ ބައެއްގެ ގޮތުގައި އަލުން މުޖުތަމައަށް ގެނައުމަށެވެ.

ނަމަވެސް ސަރުކާރުން ތަސައްވަރު ކުރާ ފަދަ ތަނަކަށް ޖަލު ހެދުމަށްޓަކައި އެންމެ ބޮޑު ބަދަލެއް އަންނަން ޖެހޭނީ ކަރެކްޝަންސްގެ އޮފިސަރުންނަށް ކަމަށް އިމްރާން ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތުތައް ކިތަންމެ ރަނގަޅުވީ ނަމަވެސް އެ ތަންފީޒު ކުރަން ތިބި ބަޔަކީ އޮފިސަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަލުގައި މީހުން ބަންދު ކުރުމުގައި އަޅުގަނޑުމެން މި ގެންގުޅޭ ފަލްސަފާ ތި އޮފިސަރުން ބަލައިގަންނަން ޖެހޭ. ޖަލުގައި ބަންދުކޮށްފައި ހުންނަ މީހާއާ މެދު ދެކޭ ގޮތް އެބަ ބަދަލު ވާން ޖެހޭ. އެ މީހާ އަލުން މުޖުތަމައަށް އިސްލާހުވެފައިވާ މީގެއްގެ ގޮތުގައި ނެރުމަށްޓަކައި ތި ބޭފުޅުން އެ މީހުންނާ މެދު އަމަލު ކުރަންވާނީ ހެޔޮ މަގު ދައްކާ ބައެއްގެ ގޮތުގައި." އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ކަރެކްޝަންސް ސާވިސްގެ ކާމިޔާބީ މި ސަރުކާރުން މިންކުރުމަށް ބަލާނެ މިންގަނޑަކީ ޖަލު ގޮޅިގައި ބަންދުކުރެވިފައި ތިބޭ މީހުންގެ އަދަދަކަށް ނޫން ކަމަށެވެ. އަދި ޖަލު ހުކުމް ތަންފީޒުކޮށް މީހަކު ޖަލުން ނުކުމެ އިސާހިތަކު ކުރިއަށްވުރެ ބޮޑު ކުށަކަށް އަރައިގެންފިނަމަ ބެލެވޭނީ ޖަލުގައި އޭނާ އިސްލާހު ކުރުމުގައި ބަދަލުގައި ކުރިއަށްވުރެ ބޮޑު ކުށްވެރިއަކަށް ހެދީ ކަމަށެވެ.

"ތިއިން ކޮންމެ އޮފިސަރަކީ މުޖުތަމައުގެ ރައްކާތެރި ކަމަށް ބަންދު ކުރެވޭ ބަޔަކު އެ މުޖުތަމައަށް ފައިދާ ވާނެ ބަޔަކަށް ބަދަލު ކުރުމަށް އެހީތެރިވެދޭ އާރުކާޓީއެއް، ތިއިން ކޮންމެ އޮފިސަރަކީ އިންސާނީ ހިދުމަތްތެރިއެއް، އިޖުތިމާއީ ހިދުމަތްތެރިއެއް، ފާރަވެރިއެއް، އެކުވެރިއެއް، މުރުޝިދެއް، އެހެންކަމުން ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލު ފެންނަން ވާނީ ކަރުދާހަކުން ނޫން، ތި އޮފިސަރުންގެ ކިބައިން،" އިމްރާން ވިދާޅުވި އެވެ.