މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މާފުށީގެ ތެރޭގައި ވެސް އިތުރު ހަމަނުޖެހުންތައް ހިނގާފައިވާތީ ރަށުތެރޭގައި ފުލުހުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ކަރެކްޝަނަލް ސާވިސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ ބެކްއަޕް ޓީމެއް ތައްޔާރީ ހާލަުތަކުގައި ތިިބިކަމަށާއި ޖަލުގައި ކުރިއަށްދާ އޮޕަރޭޝަން ކުރިއަށް ދަނީ ކަރެކްޝަންސްއިން ކަމަށެވެ. އަދި ބުނީ، މާފުށީ ރަށުތެރެ ބެލެހެއްޓުން ފުލުހުން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަޑުފެތުރިފައިވާ ގޮތުން، މާފުށީ ޖަލުގެ ޔުނިޓް ހައެއްގައި ރޭ ބަނޑުގައި ހޫނުކަމުގެ ހަޅުތާލެއް ކުރިއަށްދާތީ އީއެސްޖީ އަދި އެސްއޯ ފުލުހުން ރަޔަޓު ގިޔަރުގައި ހަރަކާތްތެރިވެފައިވެ އެވެ.
ފުލުހުން ދަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހިނގި މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ހަވީރު މާފުށީ ޖަލުގެ މެއިންގޭޓް ކުރިމަތީގައި ބަޔަކު ހަޅުތާލު ކުރި މައްސަލައާއި މާފުށީ މަގުމަތިން ދިޔަ ކަރެކްޝަންގެ އޮފިސަރަކަށް ހަމަލާ ދިން މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި އޮފިސަރަކާއި ހަ ގައިދީއަކު އަނިޔާވި އެވެ. މި ހަމަނުޖެހުން މައިތިރިކުރުމުގައި ޖަލުގައި ތިބި އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ޖަލު ކޮމާންޑަރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މައްސަލަ ތަހުގީގުކޮށް އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ ރިޕޯޓު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވެސް ދަނީ މައްސަލަ ބަލަމުންނެވެ.