އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޮކްޓޫބަރުގައި ބާއްވަނީ

Jun 1, 2023

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް -- އޭޑީކޭ އިން އިންތިޒާމުކުރާ "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" މިއަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން ކޮންފަރެންސް ކުރިއަށް ދާނީ އޮކްޓޫބަރު 25 އަދި 26 ވަނަ ދުވަހު ކަމަށެވެ.

އައްފާލް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކަމާ ގުޅޭ ތަޖުރިބާކާރުން ބައިވެރިވާ މި ކޮންފަރެންސްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ކުރެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"މިއަހަރުވެސް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ރާއްޖޭގައި އެންމެ ފުޅާކޮށް ބާއްވާ ސިއްހީ ދާއިރާގެ ކޮންފަރެންސާ ގުޅޭގޮތުން އައްފާލް ވިދާޅުވި އެވެ.

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕާޓްނަރުން އިއުލާންކޮށް މިއަދު ވަނީ އެފަރާތްތަކާ އެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. އެގޮތުން ވެނިއު ޕާޓްނަރުގެ ގޮތުގައި ސޮއިކުރެއްވީ ވިލާ ނޯޓިކާގެ ސީއީއޯ މުއާވިޔަތު އުމަރެވެ. ޑައިމަންޑް ޕާޓްނަރުގެ ގޮތުގައި ވޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ފަސީހު އެވެ. އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން އެއްބަަސްވުންތަކުގައި ސޮއިކުރެެއްވީ އައްފާލް އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާޖަން ޓީމުން އިސް ނަގައިގެން ބާއްވާ މި ކޮންފަރެންސަކީ އެ ދާއިރާގެ ރިސާޗް ތަކާއި އާ ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސެކެވެ. މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކުރާ އާ ހިދުމަތްތައް މި ކޮންފަރެންސްގައި ދަނީ ތައާރަފްކުރަމުންނެވެ.

މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޭޑީކޭއިން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރުގަ އެވެ.