ދުނިޔެ

ބަންގުލަދޭޝް އިން މި އަހަރު 125،000 މީހުން ހައްޖަށް

ބަންގުލަދޭޝް އިން މި އަހަރު 125،000 މީހުން ހައްޖަށް ފޮނުވާނެ އެވެ. މިއީ މިދިޔަ އަހަރު ހައްޖަށް ފޮނުވަން އެ ގައުމަށް ކޯޓާ ލިބުނު އަދަދަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

ބަންގުލަދޭޝް އަށް މިދިޔަ އަހަރު ލިބުނީ 60،000 ކޯޓާ އެވެ.

މި އަހަރު ބަންގުލަދޭޝް އިން ހައްޖަށްދާ މީހުންގެ ތެރޭގައި 35،000 އަށް ވުރެ ގިނަ އަންހެނުން ވެސް ހިމެނެ އެވެ.

ސައޫދީ އަަރަބިއްޔާ އިން ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ކުރިއާލައި ރާވާފައި ހުރި އިންތިޒާމުތަކަށް ވެސް ބަންގުލަދޭޝް އިން ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އެ ގައުމުގެ ހައްޖުވެރިން ބުނާ ގޮތުން ސައުދީން ޚާއްސަ އަހައްމިޔަތު ކަމެއް އަބަދުވެސް އެ ގައުމަށް އޮވެ އެވެ.

ހައްޖުވެރިން އުފުލުމަށް މެއި 21 އިން ފެށިގެން ބަންގުލަދޭޝް އިން ދަނީ ފްލައިޓްތައް އޮޕަރޭޓް ކުރަމުންނެވެ. ޚަބަރުތައް ބުނާ ގޮތުން މިހާތަނަށް 57،000 ހައްޖުވެރިއަކު ސައޫދީ އަށް ވަނީ ގެންގޮސްފަ އެވެ.

ސައޫދީ އަރަބިއްޔާ އިން މި އަހަރު ވަނީ ކޮވިޑްގެ ކުރިން ހާލަތު އޮތް ގޮތަށް ހައްޖުގެ އިންތިޒާމުތައް ދޫކޮށްލާފަ އެވެ. ގައުމުތަކަށް ކޯޓާ ކަނޑައަޅައި ހައްޖަށް އެތެރެވާ މީހުން ގައުމުގެ ނިސްބަތުން ކޮންޓްރޯލްކުރި ނަމަވެސް، އެ ގައުމަކަށް ދޫކޮށްފައި އޮތް އެންމެ ގިނަ އަދަދަކަށް މި އަހަރު ހައްޖުވެެރިން ސައޫދީއަށް ދާނެ އެވެ.

އެކި ގައުމުތަކަށް ކޯޓާ ދޫކޮށްފައި ހުރި އަދަދަށް ބަލާއިރު، ޕާކިސްތާނަށް 180،000 އަދި އިންޑިއާއަށް 175،000 ވަނީ ދޫކޮށްފަ އެވެ. މި އަދަދަށް ކޮންވެސް ވަރެއްގެ އިތުރުވުން އައުމަކީ ވެސް ގާތް ކަމެކެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަދި އޮތް ގޮތުން މި ހިނގާ ޖޫން މަހުގެ 27 -- އަންގާރަ ދުވަހެވެ. އެކަމަކު މިއީ ހަނދަށް ބަލައި ސައޫދީން ނިންމާ ގޮތަކުން ބަދަލުވެދާނެ ދުވަހެކެވެ.

ހައްޖުވެެރިންނަށް މަރުހަބާ ކިޔައި ދަތުރު ފަސޭހަކޮށްދިނުމަށް ސައުދީން ވަނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއް ފަށާފަ އެވެ. މަގުތަކުގެ ރައްކާތެރިކަމާއި ސިއްހީ ބޭނުންތަކަށް ހާޖަތު ޖެހިފައި ތިބި މީހުންނަށް ފަސޭހަކޮށްދިނުމަށް ވެސް މުޅިން އަލަށް ޕްރޮގްރާމްތަކެއް ވަނީ ތައާރުފުކޮށްފަ އެވެ.