އަލީ އާޒިމް

ނަޝީދު ވަކިކުރަން ވޯޓު ހަމައެއް ނުވާނެ: އާޒިމު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެކަން ކުރަން އުޅުއްވާ އެމްޑީޕީގެ މެންބަރުންނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ނަޝީދުގެ ޕާޓީއެއް ކަމަށް ބުނާ "ދަ ޑިމޮކްރެޓްސް" އިން ބުނެފި އެެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާ އެކަން އިއުލާން ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އަދި މިހާރު އެ މައްސަލައިގައި 45 މެންބަރުން ސޮއިކުރައްވާފައިވާ ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.

ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން މިއަދު އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކޮށްގެން އެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

"[މައްސަލަ] ހުށައެއް ވެސް ނޭޅޭނެ. އަދަދުވެސް ހަމައެއް ނުކުރެވޭނެ. އެކަން ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގިނަ މެންބަރުންނާއި އެމްޑީޕީގެ ގިނަ މެންބަރުންގެ ތާއީދު އޮތީ ރައީސް ނަޝީދަށް ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ނަޝީދު ވަކިކުރަން ބޭނުންވި ނަމަވެސް އެ މެންބަރުންނަށް އެކަން ކުރެއްވޭނީ ރައީސް އޮފީހުން ބޭނުންވުމުން ކަމުގައިވެސް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން ވެސް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރެވޭ އަދަދަށް މެންބަރުންގެ ތާއީދު ނުލިބޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު މަގާމުން ވަކިކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ބައެއް އިދިކޮޅު މެންބަރުން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން، ލިޔެ ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުން ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެންބަރުން ތިއްބެވިއިރު ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް މިވަގުތު 56 މެންބަރުން އެބަތިއްބެވި އެވެ.